ފުލުހުންނާއި ސިފައިނާއި އާންމުގެ އެތައް ސަތޭކަ ބަޔަކު ޖުމްހޫރީ މައިދާނަށް އެއްވި ފެބްރުއަރީ 7، ދުވަހު ބަންޑާރަ ކޮށީގައި ހުންވައިގެން ބޭރަށް (ޖުމްހޫރީ މައިދާން) ނުކުންނަވައި އެއްވެ ތިބި މީހުންގެ ކައިރީގައި އިސްތިއުފާދޭން ގަސްތުކުރާ ވާހަކަ ވިދާޅުވާން ބޭނުންވާ ކަމަށް ރައީސް ނަޝީދު އެމްއެންޑީއެފްގެ ބޭފުޅުންގެ އަރިހުގައި ވިދާޅުވާ އޯޑިއޯއެއް ލީކުވެއްޖެ އެވެ.

ފެބްރުއަރީ 7، ވަނަ ދުވަހު ބަންޑާރަ ކޮށީގައި ހުންނަވައިގެން އެމްއެންޑީއެފްގެ ބޭފުޅުންނާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވަނީ ގާނޫނުގައިވާ ގޮތުގެ މަތިން ވެރިކަން ނައިބު ރައީސްއާ ހާވަލު ކުރަށްވާނެ ކަމަށާއި، އެކަން ހާމަކުރައްވާނީ ރައީސް އޮފީހަށް ވަޑައިގެން އިސްތިއުފާ ދިނުމަށްފަހުގައި ކަމަށެވެ. ނަމަވެސް އެމަނިކުފާނު ރައީސް އޮފީހަށް ގެންދާ އިރު އެއްވެސް ހަމަނުޖެހުމެއް ހިންގައި، އެކަކުވެސް ހައްޔަރުކޮށްގެން ނުވާނެ ކަމަށް އެމްއެންޑީއެފްގެ ބޭފުޅުންގެ އަރިހުގައި ވިދާޅުވެ އެވެ. އަދި ހަމަނުޖެހުމެއް ހިންގާފާނެތީ އިސްތިއުފާދޭން ނިންމާފައިވާ ވާހަކަ ބޭރުގައި ތިބި މީހުންގެ ކައިރީގައި ވިދާޅުވާނެ ކަމަށާއި "ޕަބްލިކް"ގައި އެކަން ބުނުމަށް ރައީސް އޮފީހަށް ދިއުމަށް އެއްވެތިބި މީހުން ފުރުސަދުދޭންވާނެ ކަމަށް ވެސް ކުރީގެ ރައީސް ވިދާޅުވެ އެވެ.

އޯޑިއޯގައި ރައީސް ނަޝީދު އެދިވަޑައިގަންނަވަނީ އެމަނިކުފާނުގެ އާއިލާއަށް ރައްކާތެރިކަން ދޭންޖެހޭނެ ކަމަށެވެ. ރައީސް ސިފައިންގެ އަރިހުގައި އެދިވަޑައިގަންނަވާ ކޮންމެ ކަމަށް "ޔެސް ސާ" ނުވަތަ "މައްސަލައެއްނެތޭ" ބުނެ އަޑު އުފުލާ އަޑު އޯޑިއޯއިން އިވެ އެވެ.

ލިޔުމާ ގުޅޭ އޯޑިއޯ