މި ސަރުކާރު ވެރިކަމާ ހަވާލުވުމުގެ ކުރިން ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއޮތީ ވަރަށްބޮޑަށް އެކަހެރިވެ ނިކަމެތިވެފައި ކަމަށް އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްކަމަށް ހޮވި ވަޑައިގަންނަވާފައިވާ، ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މިިނިސްޓަރު ޝާހިދު މިހެން ވިދާޅުވީ، އ.ދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްކަމަށް ހޮވި ވަޑައިގަތުމާ ގުޅިގެން، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެމަނިކުފާނާ ބައްދަލުކުރެއްވުމާ ގުޅިގެންނެވެ.

މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިނިސްޓަރު ޝާހިދަށް ލިބިވަޑައިގެންނެވި މި ކާމިޔާބީއަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އާއި ދިވެހި ރައްޔިތުންގެ ނަމުގައި ތަހުނިޔާ ވިދާޅުވެފައެވެ.

މިނިސްޓަރު ޝާހިދަށް ތަހުނިޔާ ދަންނަވަމުން ރައީސް ވިދާޅުވީ، މި ކާމިޔާބީއަކީ ރާއްޖެއަށް ލިބުނު ވަރަށްބޮޑު ފަޚުރަކާއި ޝަރަފެއް ކަމަށެވެ.

އަދި މިއީ ހާރިޖީ ދާއިރާގައި ދިވެހިސަރުކާރުން ކުރަމުންގެންދާ މަސައްކަތްތައް ދުނިޔެ ބަލައިގަންނަ ކަމުގެ ހެއްކެއްކަމުގައި ރައީސް ވިދާޅުވިއެވެ.

މިނިސްޓަރ ޝާހިދު އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުންނާއި އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު ކަމުގެ ހައިސިއްޔަތުން ކުރައްވާ މަސައްކަތުގައި ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއަށް އިތުރު ކުރިއެރުންތައް ލިބިގެންދާނެކަމަށް ދެކެވަޑައިގަންނަވާކަމުގައި ވިދާޅުވެ، މިނިސްޓަރު ޝާހިދުގެ މަސައްކަތުގައި ކާމިޔާބީއަށް ރައީސް ސޯލިހު އެދިވަޑައިގަންނަވާފައި ވެއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ވަނީ، އެމަނިކުފާނަށް މި ފުރުސަތު ދެއްވައި، އެކަމަށް މަގުފަހި ކޮށް ދެއްވީތީ ރައީސަށް ޝުކުރު އަދާ ކުރައްވާފަ އެވެ.

އަދި މި ސަރުކާރު ވެރިކަމާ ހަވާލުވުމުގެ ކުރިން ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއޮތީ ވަރަށްބޮޑަށް އެކަހެރިވެ ނިކަމެތިވެފައިކަން މިނިސްޓަރު ޝާހިދު ފާހަގަ ކުރެއްވި އެވެ.

ޝާހިދު ވިދާޅުވީ، މި ކާމިޔާބީއަކީ 1965 ވަނަ އަހަރު ރާއްޖެ މިނިވަން ދައުލަތެއްގެ ގޮތުގައި ގާއިމްވުމަށްފަހު ޚާރިޖީ ދާއިރާއިން ލިބިގެންދިޔަ އެންމެބޮޑު އެއް ކާމިޔާބީ ކަމަށެވެ.

އަދި އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުންނާއި ރާއްޖޭގެ ހާރިޖީ ވަޒީރުގެ ހައިސިއްޔަތުން ރާއްޖެއަށް އިތުރު ފުރުސަތުތައް ފަހިކޮށްދެއްވައި ކުރިއެރުން ގެނެސްދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ޝާހިދު ވަނީ ރައީސަށް ދެއްވާފަ އެވެ.