06 Jul 2021, 17:32
ޓެރަރިޒަމްގެ ތުހުމަތުކުރެވޭ މީހުން ކޯޓު އަމުރަކާ ނުލާ ހިފައި ހައްޔަރުކޮށް 48 ގަޑިއިރު ވަންދެން ބަންދުގައި ބެހެއްޓޭ ގޮތަށް ޓެރަރިޒަމް ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު މަޖިލީހަށް މިއަދު ބަލައިގެންފިއެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ކުރެންދޫ ދާއިރާގެ މެމްބަރު އަބުދުލްޣަނީ އަބުދުލް ހަކީމެވެ. މިއަދު މަޖިލީހުގައި ނެގި ވޯޓުން ބިލު ފާސްކުރީ 47 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ.
އެ ބިލު ބަލައިގަތުމަށްފަހު ދިރާސާކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ފޮނުވާފައެވެ.
ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހުން 48 ގަޑިއިރު ވަންދެން ކޯޓު އަމުރާ ނުލާ ބަންދުގައި ބެހެއްޓޭ ގޮތަށް ހެދުމަށް ޓެރަރިޒަމް ގާނޫނަށް އަނެއްކާވެސް އިސްލާހު ގެނައުމަށް، އެޓޭނީ ޖެނެރަލް އޮފީހުން ބިލު ފަރުމާކޮށް ރައީސް އޮފީހަށް ފޮނުވާފައިވަނީ މިދިޔަ މެއި މަހުއެވެ.
އެންމެ ފަހުން މަޖިލިސް ޗުއްޓީގައި ވަނިކޮށް، ދައުރުން ބޭރުން ޖަލްސާ ބާއްވައިގެން އެ ގާނޫނު އިސްލާހު ކުރީ 2019 ވަނަ އަހަރުގެ ފަހުކޮޅެވެ. އެފަހަރުން ފުލުހުނަށް ބޮޑެތި ބާރުތަކެއް ދިނުމަށް ގާނޫނަށް އިސްލާހު ގެނެސްފައިވެ އެވެ. އެގޮތުން 24 ގަޑިއިރު ވަންދެން ކޯޓު އަމުރަކާ ނުލާ ހައްޔަރު ކުރެވޭ ގޮތަށް ގާނޫނަށް އެފަހަރު އިސްލާހު ގެނައެވެ. އަދި ބައެއް ހައްގުތައް ހަނިކޮށް، ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ޓެރަރިޒަމްވެސް މާނަކޮށްފައިވެ އެވެ.
ސަރުކަރުން ހުށަހަޅާފައިވަނީ ކޯޓު އަމުރާ ނުލައި ހައްޔަރުކުރެވޭ ވަގުތު 48 ގަޑިއިރަށް އިތުރުކުރުމާއި, އެމީހަކު ހުރި ތަނެއް ކޯޓު އަމުރެއް ނެތި ބަލައި ފާސްކުރުމުގެ ބާރު ފުލުހުންނަށް ދިނުމަށެވެ.
ހަނގުރާމައަށް ދިޔުމަށްފަހު އަނބުރާ ރާއްޖެއަށް އަންނަ ފަރާތްތަކާމެދު އަމަލުކުރާ އިޖުރާއަތުތަކަށް ބަދަލު ގެނައުމަށްވެސް ބިލުގައި ވަނީ ހިމަނާފައެވެ.