06 Jul 2021, 18:15
ޖަކާޓާ (ޖުލައި 6): އިންޑޮނީޝިއާގައި ކޮވިޑް-19 ގެ ޑެލްޓާ ވޭރިއަންޓް ވަރަށް ބާރަށް ފެތުރެމުންދިއުމާއެކު އޮކްސިޖަން ދީގެން ފަރުވާކުރަންޖެހޭ މީހުންގެ އަދަދު އާދަޔާ ޚިލާފަށް ގިނަވެ ބައެއް ހޮސްޕިޓަލްތަކުން އޮކްސިޖަން ހުސްވުމުގެ ސަބަބުން 60 އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ.
މެޑިކަލް އޮކްސިޖަން ހުސްވެގެން ފަރުވާނުދެވި މީހުން މަރުވީ ޖާވާގައި ހުންނަ ސަރްގިޓޯ ހޮސްޕިޓަލްގައެވެ. އެ ހޮސްޕިޓަލުގައި އޮކްސިޖަން ނެތިގެން 63 މީހުން މަރުވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. މިމައްސަލާގައި އިންޑޮނީޝިއާގެ ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައިވާއިރު އެގައުމުގައި ކޮވިޑްއާ ބެހޭ ކަންކަން މެނޭޖްކުރާ އިދާރާއިންވަނީ 800 ޓަނުގެ މެޑިކަލް އޮކްސިޖަން ދުވާލެއްގެ މައްޗަށް އުފައްދައި ސަޕްލައިކުރުމަށް އެކަމާބެހޭ ކުންފުނިތަކަށް އަންގާފައެވެ.
އަހަރެއްގެ މައްޗަށް ދެލައްކަ ފަންސަވީސް ހާސް މެޓްރިކް ޓަނުގެ މެޑިކަލް އޮކްސިޖަން އުފެއްދުމުގެ ގާބިލްކަން އިންޑޮނީޝިއާގެ ގޭސް ކުންފުނިތަކަށް ލިބިގެންވާކަމަށް އެގައުމުގެ ސިއްހަތާބެހޭ ވުޒާރާއިން ބުނެއެވެ. މިހާގިނަ އަދަދަކަށް މެޑިކަލް އޮކްސިޖަން އުފެއްދުމުގެ ގާބިލްކަން ލިބިފައިވާއިރު އޮކްސިޖަން ނުލިބިގެން 63 މީހުން މަރުވީ އެކަމަށް އެ ކެޕޭސިޓީގައި އޮކްސިޖަން އުފައްދައި ސަޕްލައި ކުރަން ތައްޔާރު ވެފައި ނުވުމުގެ ސަބަބުން ކަމަށް ވަނީ ބެލެވިފައެވެ.

އިންޑިއާއިން މިދިޔަ ޑިސެމްބަރުމަހު ފެނުނު ކޮވިޑް ގެ ޑެލްޓާ ވޭރިއަންޓްގެ ސަބަބުން އޭޝިއާގެ އެތައް ގައުމެއް ހަފުސްވަމުންދާއިރު އެންމެ ބޮޑަށް ހަފުސްވާ ގައުމަކީ އިންޑޮނީޝިއާއެވެ. އިންޑޮނީޝިއާގައި މިހާތަނަށް 2.3 މިލިޔަން މީހުންނަށް ކޮވިޑް ޖެހިފައިވާއިރު އޭގެތެރެއިން ގާތްގަނޑަލަށް 61 ހާސް މީހުންވަނީ މަރުވެފައެވެ. އިއްޔެވެސް އެއުމުގައި 27 ހާހަށްވުރެ މީހުންނަށް ކޮވިޑްޖެހި 500 އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. މަރުވާމީހުންގެ ތެރޭގައި ގިނައީ ޑެލްޓާ ވޭރިއަންޓް ޖެހިފައިވާ މީހުންކަމަށް މައުލޫމާތު ލިބެއެވެ.
ކޮވިޑް ފެތުރޭމިންވަރު އިންޑޮނީޝިއާގައި ބިރުވެރި ހާލަތަކަށް ގޮސްފައިވާތީ ކޮވިޑް އާ ދެކޮޅަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް މިއަދުން ފެށިގެން އިތުރަށް ހަރުކަށިކުރަން އެގައުމުންވަނީ ނިންމާފައެވެ. ފާއިތުވި ދެހަފްތާ ތެރޭގައި އިންޑޮނޭޝިއާގައި ކޮވިޑް ޖެހިގެން މަރުވާ މީހުން ގެ އަދަދު އާދަޔާ ޚިލާފަށް ގިނަވުމުގެ ސަބަބުން އެމީހުންގެ ޖަނާޒާއަށް ބޭނުންވާ ކަފުނާއި ވަޅުލުމަށް ބޭނުންވާ ސަންދޯއް ލިބުންވެސްވަނީ ދަތި ކަމަކަށް ވެގެން ގޮސްފައެވެ.