ވޮޝިންޓަން (ޖުލައި 6): އެމެރިކާއިން މިހާރު ކޮވިޑް-19 ޖެހިގެން މަރުވާ ގިނަ މީހުންނަކީ ބަލީގެ ވެކްސިން ނުޖަހާ މީހުންކަމަށް އެގައުމުގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އިންފެކްޝަސް ޑިޒީސެސްގެ ޑިރެކްޓަރު ޑރ. އެންތަނީ ފައުޗީ ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ އެންބީސީ ނޫހުގެ މީޓް ދަ ޕްރެސް ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި ފައުޗީ ވިދާޅުވި ގޮތުގައި އެގައުމުން މިހާރު ކޮވިޑުގައި މަރުވާ 99.2 ޕަސެންޓު މީހުންނަކީ ވެކްސިން ނުޖަހާ މީހުންނެވެ. އަދި ވެކްސިން ޖަހައިގެން ތިބިނަމަ އޭގެ ތެރެއިން ގިނަ މީހުންގެ ފުރާނަ ސަލާމަތް ކުރެވުނީހެވެ.

"[ކޮވިޑުގައި] މީހުން މަރުވުމަކީ ވަރަށް ހިތާމަވެރިކަމެއް، ހާއްސަކޮށް އޭގެ ތެރެއިން ގިނަ މީހުންގެ ފުރާނަ ސަލާމަތް ކުރެވެން އޮއްވާ،" ފައުޗީ ވިދާޅުވި އެވެ.

މީގެ އިތުރުން އެމެރިކާ އަކީ ވަރަށް ނަސީބު ރަނގަޅު ގައުމެއް ކަމަށާއި އެގައުމުގައި އެންމެންނަށް ޖެހޭ ވަރަށް ކޮވިޑް ވެކްސިން އެބަހުރި ކަމަށް ފައުޗީ ވިދާޅުވި އެވެ. ނަމަވެސް ބައެއް މީހުން ވެކްސިން ޖަހަން ދެކޮޅު ހަދާ ސަބަބުތަކުގެ ތެރޭގައި ވެކްސިނާއި ސައިންސްގެ ހޯދުންތަކާ ދެކޮޅުވުން ހިމެނޭކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އެމެރިކާގެ ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)އިން އާއްމު ކޮށްފައިވާ މައުލޫމާތާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސްއިން ރިޕޯޓު ކުރި ގޮތުގައި މިދިޔަ މެއި މަހު އެގައުމުން ކޮވިޑުގައި މަރުވި 18،000އަށް ވުރެ ގިނަ މީހުންގެ ތެރެއިން ކޮވިޑް ވެކްސިން ޖަހާފައި ވަނީ އެންމެ 150 މީހެކެވެ.

އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިހާތަނަށް ހުއްދަ ދީފައިވާ ކޮވިޑް ވެކްސިންތަކަކީ ފައިޒާ-ބަޔޯއެންޓެކް، މޮޑާނާ އަދި ޖެންސެން އިން އުފައްދާފައިވާ ވެކްސިނެވެ. އަދި އެގައުމުގެ އާބާދީގައި ކޮވިޑް ވެކްސިން ޖަހަން ޝަރުތު ހަމަވާ މީހުންގެ ތެރެއިން 53 ޕަސެންޓު މީހުން މިހާރު ވަނީ ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކޮށްފަ އެވެ.

އެމެރިކާގައި މިދިޔަ ޖެނުއަރީ މަހު ކޮވިޑް މަރުތައް ޕީކަށް އެރި އިރު ހަތް ދުވަސް ތެރޭ މަރުވި މީހުންގެ އެވަރެޖު އަދަދު 3،000އަށް ވުރެ އިތުރުވި އެވެ. ނަމަވެސް މިހާރު އެ އަދަދު ވަނީ 100އިގެ އަދަދުތަކަށް ތިރިވެފަ އެވެ.