އެމްޓީސީސީގެ "ހުނަވަރު ޓެކްނިކަލް ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް 2021" އަށް ކުރިމަތިލުމަށް މިއަދު ހުޅުވާލައިފިއެވެ.

ހުނަވަރު ޕްރޮގްރާމަކީ މަސައްކަތުގެ މާހައުލުގައި ފަންނީ ތަމްރީން ލިބިފައިވާ ދިވެހިން ބިނާކުރުމަށް އެމްޓީސީސީން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. ހުނަވަރު ޕްރޮގްރާމްގެ މަގްސަދަކީ ތަމްރީނާއި ތަޖުރިބާ ލިބިފައިތިބި
މަސައްކަތްތެރި މުއައްޒަފުން އެމްޓީސީސީގެ އެކި ވަޒީފާތަކަށް ހޯދުން ކަމަށް އެފަރާތުން ބުނެއެވެ.

އެމްޓީސީސީ އިން ބުނީ މިއަދު އިއުލާނު ކުރި "ހުނަވަރު ޓެކްނިކަލް ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް" ގެ ދަށުން، ކޮންސްޓްރަކްޝަން ސައިޓްތަކުގެ އެސިސްޓަންޓް ސުޕަވައިޒަރުންނާއި، މަޝްރޫއުތަކަށް ބޭނުންވާ މުއައްޒަފުންނާއި، ވެލްޑިންގް ގެ ދާއިރާއަށް ބޭނުންވާ މުއައްޒަފުން ތަމްރީން
ކުރެވިގެންދާނެ ކަމަށެެވެ.

ހުނަވަރު ޕްރޮގްރާމް ހިންގާނީ 3 މަސް ދުވަހުގެ މުއްދަތަށެވެ. ކޮންމެ ހަފުތާއެއްގެ ހޮނިހިރު ދުވަހުން ބުރާސްފަތީގެ ނިޔަލަށް ހެނދުނު 7 އިން މެންދުރު 3 އަށް ހިންގާ އެ ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް 5000 ރުފިޔާގެ އެލަވަންސެއް ކޮންމެ މަހަކު ލިބޭނެ ކަމަށް އެމްޓީސީސީ އިން ބުނެއެވެ. އަދި ދިރިއުޅޭ ރަށްނޫން ރަށެއްގައި ޕްރޮގްރާމް ކުރިއަށް ގެންދެވޭނަމަ ހުރުމާއި ކެއުމުގެ ހަރަދުވެސް އެ ކުންފުނިން ހަމަޖައްސަދޭނެ ކަމަށް އެންޓީސީސީ އިން ބުނެއެެވެ.

"ހުނަވަރު ޓެކްނިކަލް ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް" ގެ ދަށުން 50 ފަރާތެއް ތަމްރީން ކުރެވިގެންދާނެއެވެ. އެއީ ކޮންސްޓްރަކްޝަން ސައިޓްތަކުގެ އެސިސްޓަންޓް ސުޕަވައިޒަރުންގެ މަގާމަށް 30 ފުރުސަތު، މަގުހެދުމުގެ މަޝްރޫއުތަކަށް ބޭނުންވާ މަގާމުތަކަށް 10 ފުރުސަތު އަދި ވެލްޑިންގް ގެ ދާއިރާތަކަށް 10 ފުރުސަތެވެ.

އުމުރުން 18 އަހަރާއި 25 އަހަރާއި ދެމެދުގެ ކުށުގެ ރިކޯޑް ނެތް ދިވެހިންނަށް ހުޅުވާލާފައިވާ އެ ޕްރޮގްރާމަށް ކުރިމަތިލެވޭ އެންމެ ފަހު ތާރީހަކީ މި މަހުގެ 14 ވަނަ ދުވަހެވެ. އަދި އިންޓަވިއު މަރުޙަލާއަށްފަހު ހޮވޭ ބައިވެރިންނާއެކު ހުނަވަރު ޕްރޮގްރާމް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޯގަސްޓު މަހުގެ 15 ވަނަ ދުވަހުއެވެ.