އަށާވީސް މީހުންނާއެކު ދަތުރުކުރަމުންދިޔަ ރަޝިއާގެ އޭ.އެން26 މަތިންދާބޯޓު ގެއްލިފައިވާ ކަމަށް ރަޝިއާގެ އެމަޖެންސީ މިނިސްޓްރީން ބުނެފިއެވެ. މި ބޯޓު ގެއްލިފައިވަނީ ކަމްޗަޓްކާ ޕެނިންސިޔުލާ އާ ދިމާލުންނެވެ.

ބޯޓު އުދުހެމުން ދިޔައީ ޕެޓްރޯޕަވްލޯވްސްކްއިން ޕަލާނާއަށެވެ. މި ބޯޓު އެއާޓްރެފިކް ކޮންޓްރޯލްއާ ގުޅުން ކެނޑުނީ ބޯޓު ޖައްސަން އުޅުމުގެ ތެރޭގައި ކަމަށް ރިޕޯޓުތައް ބުނެއެވެ. ފަހުން އާންމުވި ބައެއް ރިޕޯޓުތައް ބުނާ ގޮތުން އެ ބޯޓު ކަނޑަށް ވެއްޓުނީއެވެ.

މިހާރު ބައެއް ރިޕޯޓުތައް އެ ބޯޓު ކަނޑަށް ވެއްޓިފައިވާކަމަށްވެސް ވަނީ ބުނެފައެވެ.

އެ ބޯޓު ހޯދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

ރަޝިއާގައި އާންމުކޮށް ވައިގެ ދަތުރުފަތުރުގެ ހާދިސާތައް ހިނގައެވެ. ފަހުގެ އަހަރުތަކުގައި ރަޝިއާއިންވަނީ އެއާ ޓްރެފިކް ކޮންޓްރޯލްގެ ރައްކާތެރިކަން އިތުރުކޮށްފައެވެ.

އެހެން ނަމަވެސް އަދިވެސް މަތިންދާ ބޯޓުތަކުގެ މެއިންޓެނެންސްއަށް ދެވޭ ސަމާލުކަން ކުޑަވުމާއެކު ނުރައްކާތެރި ހާދިސާތައް ގިނަ އަދަދަކަށް އަންނަނީ ހިނގަމުންނެވެ.