ރާއްޖޭގެ ކަނޑޫފާތަކުން ގަސްތަކަށް ބަލިޖައްސާކަމަށް ބެލެވޭ ފަންގަސް އެއް ފެނިއްޖެކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން ބުނެފިއެވެ.

އެހެން ނަމަވެސް ކަނޑުފާ ގަސްތައް މަރުވަމުން ދަނީ އޭގެ ސަބަބުންކަން ޔަގީން ކުރުމަށް އިތުރު ތަހުލީލުތަކެއް ކުރަން ތައްޔާރުވަމުން އަންނަކަމުން އެ އޭޖެންސީން ބުނެއެވެ.

މިދިޔަ އަހަރުގެ މާޗު މަހުން ފެށިގެން، ރާއްޖޭގެ އުތުރުގައިވާ އެންމެ ބޮޑެތި ކަނޑޫފާތަކުން ގިނަ އަދަދަކަށް ގަސްތައް ގޮތްނޭނގޭ ގޮތަކަށް މަރުވަމުން ދިޔުމާ ގުޅިގެން، އެ ގަސްތައް މަރުވަމުންދާ ސަބަބު ހޯދުމަށް، އީޕީއޭއިން ވަނީ މަސައްކަތް ފަށާފައެވެ.

އީޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ ޖުލައި މަހު، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާއާ ގުޅިގެން އެކަމާ ގުޅޭގޮތުން ދިރާސާތަކެއް ކޮށްފައިވާ ކަމަށެވެ.

އިންޑިއާގެ ކޮޗިން ޔުނިވާސިޓީއާ ގުޅިގެން ކަނޑޫފާ މަރުންވަމުންދިޔަ ހަތް ރަށަކުންނާއި ކަނޑޫފާ މަރުވުމުގެ އަސަރު ނުފެންނަ ދެ ރަށަކުން، ފެނާއި ވެލި ތަހުލީލުކޮށް ބެލިބެލުމުން، ފެނާއި ވެލީގައި އެކުލެވިފައިވާ "ނިޔުޓްރިއެންޓްސް"ގެ މާއްދާތައް ހުރި މިންވަރު، ދިވެހިރާއްޖެ ފަދަ ހޫނު ގައުމުތަކުގެ ކުޅި، ފައު އަދި ޗަސްބިންތަކާއި ދާދި އެއްގޮތްކަމަށް ފާހަގަކުރެވިފައިވާ ކަމަށް އީޕީއޭ އިން ބުނެއެވެ. އަދި "ހެވީމެޓަލް"ގެ އަސަރު އޭގެ އެއްވެސް މާހައުލަކުން ފާހަގަވެފައި ނުވާކަމަށް އީޕީއޭއިން ބުނެއެވެ.

އީޕީއޭއިން ބުނީ އެ މާހައުލުތަކުގެ ވެއްޔާއި ފެން، އަދި ކަނޑޫގަސްތަކުގެ މުލާއި، ފަތާއި، ތޮށީގައި އެއްވެސް ޖަރާސީމެއްވޭތޯ ބެލިބެލުމުން، އެފަދަ މާހައުލުންނާއި އެފަދަ މާހައުލުތަކުގައި ހެދޭ ގަސްގަހުން ނުފެންނަ، މާގިނަ ބަލި ޖައްސާފަދަ ލޮލަށް ނުފެންނަ ބާވަތްތަކުގެ ކުދި ދިރުންތައް ފާހަގަވެފައި ނުވާ ކަމަށެެވެ.

ނަމަވެސް، ކަނޑޫފާ މަރުވަމުންދާ ރަށްރަށުން ނެގުނު ސާމްޕަލްތަކުން، ދުނިޔޭގެ ކަންކޮޅުތަކުގައި ބައެއް ބާވަތްތަކުގެ ގަސްތަކަށް ބަލިޖައްސާކަމަށް މީގެ ކުރިން ފާހަގަވެފައިވާ ބާވަތެއްގެ "ފަންގަސް"އެއް ފެނިފައިވާ ކަމަށް އީޕީއޭއިން މައުލޫމާތުދެއެވެ.

އީޕީއޭއިން ބުނީ ކުރެވުނު ތަހުލީލްތަކުން ހޯދިފައިވާ "ފަންގަސް"އަކީ، ތަފާތު ސަބަބުތަކާއި ގުޅިގެން ކަނޑޫފާތައް ބަލިކަށިވުމަށް (ސްޓްރެސްވުމަށް) ހުށަހެޅިފައިވެދާނެ ދަނޑިވަޅެއްގައި ގަސްތައް އިތުރަށް ބަލިކޮށްފާނެ ފަންގަސްއެއް ކަމަށް ތަހުލީލުތަކުން ދައްކާ ކަމަށެވެ.

ނަމަވެސް، ރާއްޖޭގެ ކަނޑޫފާ ގަސްތައް މަރުވަމުންދަނީ "ފަންގަސް"ގެ ސަބަބުންކަން ޔަގީން ކުރެވޭނީ، ތަހުލީލުކުރެވޭ ސާމްޕަލް ސައިޒް ބޮޑުކޮށް، ދިގުމުއްދަތަށް އިތުރު ތަހުލީލުތަކެއް ކުރެވިގެން ކަމަށް އީޕީއޭއިން ބުނެއެވެ. ހަމަ އެފަދައިން، ކަނޑޫފާތަކުން ފެނިފައިވާ ސޫފާސޫފިތައް އިތުރަށް ތަހުލީލުކޮށް އޭގެން ގަސްތަކަށް ކޮށްފާނެ އަސަރު ދެނެގަނެ، ބަޔާން ކުރުމަށް، އިލްމީ މާހިރުންގެ އިތުރު "ފީލްޑް ވިޒިޓް" ތަކާއި، ސައިންޓިފިކް ތަހުލީލުތައް ކުރަންޖެހިފައިވާކަމަށް އީޕީއޭ އިން ބުނެއެވެ.

އެހެންކަމުން، އެކަމުގައި އީޕީއޭއާކު މަސައްކަތްކުރަމުން ގެންދަވާ ކޮޗިން ޔުނިވާސިޓީގެ ޓީމެއް ވީހާވެސް އަވަހަކަށް އެރަށްރަށް ޒިޔާރަތްކޮށް، އިތުރު ސާމްޕަލްތައް ނަގައި، އިތުރު ތަހުލީލުތައް ކުރުމަށް ހަމަޖެހިފައިވާކަމަށް އީޕީއޭ އިން ބުނެއެވެ.

އިންސާނުން ދިރިއުޅޭ ހިސާބުތަކުގައި ހެދިފައިވާ ކުޅި، ފައު އަދި ޗަސްބިން ފަދަ ސަރަހައްދުތަކަކީ ގިނަ ބާވަތްތަކުގެ "ސްޓްރެސް"ތަކަށް ހުށަހެޅިފައިވާ މާހައުލުތަކެއް ކަމަށް އީޕީއޭ އިން ބުނެއެވެ. ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ގައުމުތަކުގައި މިފަދަ މާހައުލަތަކަށް އިންސާނުންގެ ފަރާތުންނާއި މޫސުމަށް އަންނަ ބަދަލުތަކުންނާއި އަދި ބައެއް ގުދުރަތީ ކަންކަމާއި ގުޅިގެން، މި ސަރަހައްދުތަކުގެ މާހައުލުތަކަށާއި ފެންދައުރުވުމަށް ބަދަލު އަންނަމުންދާ ކަމަށެވެ.

އީޕީއޭއިން އިތުރަށް ބުނީ ކަނޑޫފާ މަރުވުމުގެ މައްސަލައަކީ ރާއްޖެއަށް އެކަނި ކުރިމަތިވެފައިވާ މައްސަލައެއް ނޫން ކަމަށެވެ. އަދި ތިމާވެށީގެ ވަސީލަތްތަކަށް އަންނަ ބަދަލުތަކަކީ ދެނެގަތުމަށް ގިނަ ދުވަސް ނަގާ ކަންކަން ކަމަށާއި، ދިގުމުއްދަތަށް ދިރާސާކޮށް ހައްލެއްހޯދުމަށް ދުވަސްނަގާނެކަމާއި "ސިންގަލް ސޮލިއުޝަން"އެއް އެފަދަ ކަންކަމަށް ނުހުންނަކަމަށް އީޕީއޭ އިން ބުނެފައިވެއެވެ.