06 Jul 2021, 11:21
ޔޫކޭ އަދި ޕޯޗުގަލް ފަތުރުވެރިންނަށް ޖަރުމަނު ހުޅުވާލުމަށް ޖަރުމަނުން ނިންމައިފިއެވެ. އެއާއެކު އަންނަ ބުދަ ދުވަހު އިންޑިއާ، ނޭޕާލް އަދި ރަޝިއާގެ ފަތުރުވެރިންނަށްވެސް ލުއި ދިނުމަށް ވަނީ ނިންމާފައެވެ. އަދި ވެކްސިން ފުރިހަމަކޮށްފައިވާ ފަތުރުވެރިން ކަރަންޓީނު ވާން ނުޖެހޭނެކަމަށްވެސް ޖަރުމަނުން ވަނީ ބުނެފައެވެ.
އެހެންނަމަވެސް ވެކްސިން ފުރިހަމަ ނުކުރާ ފަތުރުވެރިން 10 ދުވަހުގެ ކަރަންޓީނެއް ފުރިހަމަކުރަން ޖެހޭނެކަމަށެވެ. އަދި ކަރަންޓީނުގެ މުއްދަތު ކުރުކުރަން ބޭނުންނަމަ ފަސް ދުވަހަށްފަހު ޕީސީއާރު ޓެސްޓު ހަދާ ނެގެޓިވް ވުމުން ކަރަންޓީނު ނިންމާލެވޭނެކަމަށެވެ.
ޖަރުމަނުން ލުއި ދިނުމަށް ނިންމާފައިވާ ފަސް ގައުމަކީވެސް ވައިރަސްގެ ވޭރިއެންޓުތައް ފެނިފައިވާ "ވައިރަސް ވޭރިއެންޓް އޭރިއާޒް" ގެ ގޮތުގައި ކަނޑައަޅާފައިވާ ފަސް ގައުމެވެ.
ޖަރުމަނަށް އަންނަ އެހެން ގައުމުތަކުގެ ފަތުރުވެރިންނަށް ކަރަންޓީނުވުމުގައި ލުއި ދިން ނަމަވެސް އެހެން ގައުމުތަކުން ޖަރުމަނަށް އަންނަ އެ ގައުމުގެ ރައްޔިތުން 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަކުރަންޖެހެއެވެ.
ޖަރުމަނުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭން ނިންމާފައިމިވަނީ ޔޫކޭއިން ވެސް އެ ގައުމުގައި އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދޭން އިއުލާނުކޮށްފައިވަނިކޮށެވެ.