ރައީސް މުހައްމަދު ނަޝީދު ރައީސުލްޖުމްހޫރިއްޔާ ކަމުން އިސްތިއުފާދެއްވި ދުވަހު ފުލުހުންނާއި ސިފައިން ޓީވީ މޯލްޑިވްސް ކައިރީ ހަރަކާތްތެރި ވަމުން ދަނިކޮށް ބަޔަކު އައިސް ފުލުހުންނާއި ސިފައިންނާއި ދިމާލަށް ގާ އުކާ މަންޒަރު ދައްކުވައިދޭ ވީޑިއޯ އެއް އިންޓަނެޓްގައި އާންމުކޮށްފި އެވެ.

އެ ވީޑިއޯ އިން ފެންނަ ގޮތުގައި ފުލުހުންނާއި ސިފައިން ޓީވީއެމްގެ ދޮރާށި ކުރިމަތީގައި އޮތް ޕިކަޕެއްގެ ތެރޭގައި ތިއްބާ އެ ސަރަހައްދުގައި ތިބި ބަޔަކު ފުލުހުންނާއި ދިމާލަށް ވަރަށް ގިނައިން ގާއުކާ މަންޒަރު ފެނެ އެވެ.

ފޭސްބުކްގައި ޝެއާކޮށްފައިވާ އެ ވީޑިއޯއިން ފެންނަ މީހުން އެއްއަތުން ގާ އުކާއިރު އަނެއް އަތުގައި ދަގަނޑު ބުރިއެއް ވެސް އޮވެ އެވެ. އަދި ގާއުކަން ފެށުމުން ފުލުހުންނާއި ސިފައިން ޕިކަޕްތެރެއިން ފައިބަނިކޮށް ގާއުކަން ހުރި މީހަކު ފުލުހުންނާއި ސިފައިންނާއި ދިމާލަށް ގޮސް ދަގަނޑު ބުރިއަކުން ފުލުހުންނާއި ސިފައިންގެ ގައިގާ ތަޅާ މަންޒަރުވެސް ފެނެ އެވެ. އަދި ފުލުހަކު ދެފަހަރެއްގެ މަތިން ވައްޓާލާ މަންޒަރު ވެސް ފެނެ އެވެ.

ފަންސަވީސް ސިކުންތުގެ އެ ވިޑީއޯކޮޅުން ފެންނަ ގޮތުގައި ގާއުކާ މީހުން ގާއުކުން ހުއްޓާލާފައި ވަނީ ފުލުހުން އެ ސަރަހައްދައް ކަރުނަގޭސް ޖެހުމުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިނިސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ އެ ވީޑިއޯ އިން ފެންނަނީ އާންމުންގެ ބަޔަކު ފުލުހުންނާއި ސިފައިންނަށް ހަމާލާދޭ މަންޒަރު ކަމަށާއި އެ މައްސަލަ ފުލުހުން މިހާރު ތަހުގީގު ކުރަމުން އަންނަކަމަށެވެ. އަދި އެ ހާދިސާގައި ވަރަށް ގިނަ ފުލުހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އެ މައްސަލައިގައި އެއްވެސް ބަޔަކު ހައްޔަރުކޮށްފައި ނުވާކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

ލިޔުމާ ގުޅޭ ވީޑިއޯ