އިންޑިއާގައި އެ ގައުމުގެ ކޮވިޑަށް ފަރުވާދެމުންދާ ޑޮކްޓަރަކަށް ހަމަލާ ދިނުމާއެކު ފިޔަވަޅު އެޅުމަށް ގޮވާލައިފިއެވެ.

ޑރ. ސެއުޖް ކުމާރު ސެނަޕަތީ ނަމަކަށް ކިޔާ މި ޑޮކްޓަރަށް ހަމަލާދީފައިވަނީ އިންޑިއާގެ ހޮޖާއީ ޑިސްޓްރިކްޓުގެ ހޮސްޕިޓަލެއްގައި އެޑްމިޓުކޮށްފައި އޮތް ކޮވިޑް ބަލިމީހެއް މަރުވުމުން އެ ބަލިމީހާގެ އާއިލާއިންނެވެ. އެ ބަލިމީހާ މަރުވިކަމުގެ ޚަބަރު އާއިލާއަށް ދިނުމުން އާއިލާގެ މީހުން ވަރަށް ރުޅިގަދަވިކަމަށާއި ތަނުގައި ހުރި ގޮނޑިތަކާއި ކުޑަދޮރުތަކަށްވެސް ގެއްލުން ދޭން ފެށިކަމަށް ޑރ. ސެނަޕަތީ ވިދާޅުވި އެވެ.

އެއާއެކު އެ ޑޮކްޓަރު ސަލާމަތްވާން ފިލި ނަމަވެސް އެ މީހުންނާ އިތުރު ބައެއް ގުޅި އޭނާ ވަނީ ހޯދާފައެވެ. ޑރ. ސެނަޕަތީއަށް ހަމަލާދޭ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް މީސްމީޑިއާގައި ވަނީ އާންމުވެފައެވެ. އޭގެން ފެންނަ ގޮތުން އެ ޑޮކްޓަރުގެ ގައިގައި ދަގަނޑު ތައްޓަކުން ޖަހައި ބޭރަށް ނެރެ އިތުރަށް ހަމަލާދެމުންދާ މަންޒަރު ފެނެއެވެ.

މިދިޔަ އަހަރު ކޮވިޑު ފެތުރެން ފެށުމާއެކު ބަލިމީހުންގެ އާއިލާތަކުގެ ފަރާތުން ޑޮކްޓަރުންނަށް ހަމަލާ ދިނުމުގެ މައްސަލަ އިންޑިއާގައިވަނީ ވަރަށް ބޮޑަށް ފެންމަތިވެފައެވެ.

މިކަމާ ދެކޮޅަށް ޑޮކްޓަރުން ދަނީ އަޑުއުފުލަމުންނެވެ. އެގޮތުން ހޮސްޕިޓަލްތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، ގަވާއިދުތައް ހަރުކަށިކުރުމަށްވެސް އިންޑިއާގެ ޑޮކްޓަރުން އަންނަނީ ގޮވާލަމުންނެވެ. އަދި ޑޮކްޓަރުންނަށް ހިމާޔަތްދޭ ގާނޫނެއް ނެތުމުން އެކަމުގެ ކަންބޮޑުވުންވެސް އަންނަނީ ފާޅުކުރަމުންނެވެ.