06 Jul 2021, 09:31
މިއަދުން ފެށިގެން މާލެ ސަރަހައްދުގައި ކޮވިޝީލްޑް ވެކްސިން ޖަހާނީ ހަމައެކަނި އޮންލައިން އެޕޮއިންޓްމަންޓް ހައްދައިގެން ކަމުގައި ނިންމައި, އޮންލައިންކޮށް އެޕޮއިންޓްމަންޓް ހެއްދުމަށް ހާއްސަ ޕޯޓަލްއެއް އެޗްޕީއޭއިން ތައާރަފުކޮށްފިއެވެ.
މީގެ ކުރިންވެސް އެޗްޕީއޭއިން ނިންމާފައި އޮތީ ކޮވިޝީލްޑުގެ ދެވަނަ ޑޯޒު ޖަހައިދޭނީ އެޕޮއިންޓްމަންޓް އުސޫލުން ކަމަށެވެ. އެހެން ނަމަވެސް ކޮވިޝީލްޑުގެ ދެވަނަ ޑޯޒް އިއްޔެ ޖެހީ ކިއުބީ އެޕުން ޓޯކެން ދޫކޮށްގެންނެވެ.
ކޮވިޝީލްޑް ވެކްސިން ރާއްޖޭގައި ޖަހަން އަލުން ފެށީ މިދިޔަ މޭ މަހުގެ ކުރީކޮޅު ކޮވިޝީލްޑް ސްޓޮކު ހުސްވާން ގާތްވެ, އެ ވެކްސިން ޖަހައިދިނުން މެދުކަނޑާލުމުންނެވެ.
އެޗްޕީއޭއިން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އިއުލާނުކުރި ގޮތުގައި ހެޔޮ އެދޭ ފަރާތަކުން ވަނީ ކޮވިޝީލްޑު ވެކްސިންތަކެއް ރާއްޖެއަށް ހަދިޔާކޮށްފައެވެ. އަދި އެ ވެކްސިންގެ ދެވަނަ ޑޯޒް ޖެހުން މެދުނުކެނޑޭ މިންވަރަށް ޑޯޒް ލިބިފައިވާކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ. ނަމަވެސް ލިބުނު ޑޯޒްގެ އަދަދެއް ހާމައެއް ނުކުރެއެވެ.
އެޗްޕިއޭ އިން ރޭ ނެރުނު އިއުލާނެއްގައި ބުނީ ވެކްސިން ޖެހުމުގެ އިންތިޒާމު ފަސޭހަ ކޮށްދިނުމަށް އޮންލައިންކޮށް އެޕޮއިންޓުމަންޓު ހެދޭގޮތް މިހާރު ފަހިކޮށްދީފައިވާ ކަމަށެވެ. އެގޮތުން ފެބްރުއަރީ އަދި މާޗު މަހު ކޮވިޝީލްޑް އެއްވަނަ ޑޯޒު ޖެހި މީހުން ދެވަނަ ޑޯޒު ޖެހުމަށް http://book.hpa.gov.mv މެދުވެރިކޮށް ބޭނުން ވަގުތަކަށް އެޕޮއިންޓުމަންޓު ހެދޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
އޭގެ އިތުރުން މިއަދުން ފެށިގެން މާލެ ސަރަހައްދުގައި ކޮވިޝީލްޑުގެ ދެވަނަ ޑޯޒް ޖެހޭނީ ހަމައެކަނިޕޯޓަލްމެދުވެރިކޮށް އެޕޮއިންޓްމެންޓު ހައްދައިގެން ކަމަށް އެޗްޕީއޭ އިން ބުނެއެެވެ. އަދި ވެކްސިން ސެންޓަރުތަކުން ކޮވިޝީލްޑުގެ ދެވަނަ ޑޯޒް ޖަހަން އެޕޮއިންޓްމެންޓު ދޫނުކުރާނެ ކަަމަށް އެޗްޕީއޭ އިން މައުލޫމާތު ދެއެވެ.
ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ހަދާފައިވާ ވަގުތަށް ނާދެވިއްޖެނަމަ ބުކިންގ ކެންސަލްވާނެ ކަމަށާއި، އެހެން ވެއްޖެނަމަ ޖެހޭނީ އެހެން ދުވަހަކަށް އަލުން އެޕޮއިންޓްމަންޓް ހަދަން ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.
ކޮވިޝީލްޑަކީ ރާއްޖޭގައި ކޮވިޑް19 އާ ދެކޮޅަށް އެންމެ ފުރަތަމަ ޖަހަންފެށި ވެކްސިނެވެ. އަދި އެއީ ރާއްޖޭގައި އެންމެ ގިނަ މީހުން ޖަހާފައިވާ ވެކްސިންވެސް މެއެވެ.
ފުރަތަމަ ޑޯޒް ޖަހާތާ އަށް ހަފްތާ ތެރޭގައި ކޮވިޝީލްޑުގެ ދެވަނަ ޑޯޒް ޖަހަން އެޗްޕީއޭއިން މީގެ ކުރިން ނިންމި ނަމަވެސް މިދިޔަ ޖޫން މަހުގެ ތެރޭގައި ހެލްތު މިނިސްޓްރީން ބުނެފައިވަނީ ފުރަތަމަ ޑޯޒަށްފަހު ހަ މަސް ދުވަހުގެ ތެރޭގައި ދެވަނަ ޑޯޒް ޖެހޭނެކަމަށާއި އެގޮތަށް ހެދިދާނެކަމުގެ ލަފާ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިންވެސް ލިބިފައިވާ ކަމަށެވެ.