05 Jul 2021, 21:58
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް އަންނަ އަހަރު ނެގުމަކީ ބޭނުންތެރިކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ ސުވާލުތަކަށް ފުރުސަތު ހުޅުވާލައިގެން ކުރިއަށް ދިޔަ "އާސްކް ސްޕީކަރ" ޕްރޮގްރާމްގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެމަނިކުފާނު ވާދަ ކުރައްވާނެ ކަމަށެވެ.
ނަމަވެސް ރިޔާސީ ނިޒާމަށް ވުރެ ބަރުލަމާނީ ނިޒާމަކަށް އެމަނިކުފާނު ތާއީދު ކުރައްވާކަން ހާމަ ކުރައްވަމުން ނަޝީދު ވިދާޅުވީ، ގާނޫނު އަސާސީއަށް ބަދަލު ގެންނަން ޖެހޭ ކަމަށާއި، އަންނަ އަހަރު ނިޒާމުގެ ވޯޓެއް ނަގަން ފެންނަ ކަމަށެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖޭގެ ހިންގުން ރަނގަޅުވެގެންދާނީ ބަރުލަމާނީ ނިޒާމެއްގައި. އެ ބަދަލު ގެނައުމަށްޓަކައި 2022 ވަނަ އަހަރުގެ ތެރޭގައި ފެންނަ ނުފެންނަ ވޯޓެއް ނެގުން އެއީ ބޭނުންތެރި ކަމެއް،" ނަޝީދު ވިދާޅުވިއެވެ.
ވެރިކަން ހިންގުމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއެކު މަޝްވަރާ ކުރައްވާނެ ކަމަށާއި އަދި ރަނގަޅު ގޮތަކަށް ނިމިގެންދާނެ ކަމަށް މީގެ ކުރިން ނަޝީދު ވިދާޅުވެފައި ވެއެވެ.
"އަޅުގަނޑު އަބަދުވެސް ގަބޫލުކުރަނީ، ދިވެހިރާއްޖެއަށް އަދި ކޮންމެ ގައުމަކަށް ވިޔަސް ވެރިކަން ކުރަން އެންމެ ރަނގަޅު، އޮތް ހަމައެކަނި، އެންމެ ރަނގަޅު އެކަންޏެއް ނޫން، އޮތް ހަމައެކަނި ނިޒާމަކީ ބަރުލަމާނީ ނިޒާމޭ،" މަޖިލިސް ރައީސް މީގެ ކުރިން ވިދާޅުވެފައި ވެއެވެ.
ބަރުލަމާނީ ނިޒާމާ ގުޅޭގޮތުން މީގެ ކުރިން ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެފައި ވަނީ، ދެ ފަރާތަކުން މަޝްވަރާކޮށްގެން ވެރިކަމުގެ ނިޒާމު ބަދަލު ނުކުރެވޭނެ ކަމަށެވެ.
އެމަނިކުފާނު އެހެން ވިދާޅުވެފައި މިވަނީ، ވެރިކަން ހިންގުމުގެ ނިޒާމު ބަދަލުކުރުމުގެ މަސައްކަތް ކުރުމުގެ ކުރިން އެކަމާ ގުޅޭގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއެކު މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ. އެމަނިކުފާނު އެހެން ވިދާޅުވީ، މީގެ ކުރިން ބޭއްވި "އާސްކް ސްޕީކާ" ޕްރޮގްރާމުގައި ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން ރައްޔިތަކު ފޮނުވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.