17 Feb 2012, 15:08
ރާއްޖޭގެ ވެރިކަން ބަދަލުވުމުގެ ކަންތައްތައް ގޮސްފައިވާ ގޮތާ ބެހޭ ގޮތުން މައުލޫމާތު އެއްކުރުމަށް ކޮމަންވެލްތުގެ މިނިސްޓީރިއަލް މިޝަނެއް މިއަދު މާލެ އަންނާނެ ކަމަށް އެ ޖަމާއަތުން ބުނެފި އެވެ.
ކޮމަންވެލްތުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިއަދު ރާއްޖެވަޑައިގަންނަވާ ވަފުދުގެ ވެރިއަކަށް ހުންނަވާނީ ޓްރިޑާޑް އެންޑް ޓޮބޭގޯގެ މިނިސްޓަރު އޮފް ފޮރިން އެފެއާޒް އެންޑް ކޮމިއުނިކޭޝަންސް ސުރަޖްރާޓަން ރަބަޗަން އެވެ.
ކޮމަންވެލްތުގެ މިނިސްޓަރުންގެ ވަފުދުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ ބަނގުލަދޭޝްގެ މިނިސްޓަރު އޮފް ފޮރިން އެފެއާޒް ދީޕޫ މޯނީއާއި އޮސްޓްރޭލިއާގެ ސެކްރެޓަރީ އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑް ޑެނިސް ރިޗަޑްސަން އޭއޯ އެވެ.
ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީއެމްއޭޖީ) އިން ވީހާ އަވަހަކަށް ވަފުދެއް ފޮނުވަން ނިންމީ މިމަހުގެ 12 ވަނަ ދުވަހު އެގްރޫޕުން ބޭއްވި ޓެލެކޮންފަރެންސެއްގައި މަޝްވަރާކުރުމަށް ފަހުގަ އެވެ.
ސީއެމްއޭޖީ އިން ބޭއްވި އާދަޔާ ހިލާފު އެ ޓެލެކޮންފަރެންސްއަށް ފަހު ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ކަމަލޭޝް ޝަރުމާ ވިދާޅުވެފައި ވަނީ ރާއްޖޭގެ ކަންކަމުގައި ކޮމަންވެލްތުގެ ބައިވެރިވުން އިތުރުކުރުމަށް މިނިސްޓީރިއަލް މިޝަން އަކީ ވަރަށް މުހިއްމު މިޝަންއެއް ކަމަށެވެ.
އަދި އެއީ ކޮމަންވެލްތުގެ ފަންޑަމެންޓަލް ސިޔާސީ އުސޫލުތަކުގައި މަތީ އެޖަމާއަތް ދެމި އޮންނަ އޮތުމުގެ ވިސްނުމަށް ބަލާ އިރު ވެސް މުހިއްމު ކަމެއް އޭނާ ވިދާޅުވެފައިވެ އެވެ.
މިމަހުގެ ހަތް ވަނަ ދުވަހު ކުރީގެ ރައީސް ނަޝީދު އިސްތިއުފާ ދެއްވި ހާދިސާއާ ބެހޭ ގޮތުން އެކަމާ ގުޅުން ހުރި އެންމެހާ ފަރާތްތަކާ އެކު މިއަދު ރާއްޖެވަޑައިގަންނަވާ މިނިސްޓަރުންގެ ވަފުދުން މަޝްވަރާކުރައްވާނެ ކަމަށް އެޖަމާއަތުގެ ބަޔާނުގައިވެ އެވެ.
އަދި މިއަދު ރާއްޖެ ވަޑައިގަންނަވާ ވަފުދުގެ މަސައްކަތް ފެއްޓެވުމުގެ ކުރިން ، މިމަހުގެ ހަ ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ހަރަކާތްތެރިވަމުން އަންނަ ކޮމަން ވެލްތުގެ ވަފުދުން މިއަދު ވަޑައިގަންނަވާ ވަފުދަށް މައުލޫމާތު ދޭނެ ކަމަށް ވެސް އެބަޔާނުގައިވެ އެވެ.
ކޮމަން ވެލްތުގެ މިނިސްޓީރިއަލް މިޝަން އަށް އެހީތެރިވާނީ އެޖަމާއަތުގެ ސެކްރެޓޭރިއަޓް ޓީމުން ކަމަށާއި އެޓީމުގެ އިސް ބޭފުޅަކަށް ހުންނަވާނީ ޑައިރެކްޓަރު އޮފް ޕޮލިޓިކަލް އެފެއާޒް އަމިޓާވް ބެނާޖީ ކަމަށް ވެސް ކޮމަންވެލްތުން ބުންޏެވެ.
ރާއްޖޭގައި ހަރަކާތްތެރިވާ ކޮމަންވެލްތުގެ ވަފުދުތަކުން އެއްކުރާ މައުލޫމާތު ލިބިގަނެ، އެމައުލޫމާތު ތަކާމެދު މަޝްވަރާ ކުރުމަށް ސީއެމްއޭޖީން އަންނަ ހަފުތާގައި އަނެއްކާވެސް އާދަޔާ ހިލާފު ބައްދަލުވުމެއް ބާއްވާނެއެވެ.