މިހާރު އިންޑޮނޭޝިއާގައި ގޯސްވަމުންދާ ކޮވިޑުގެ ހާލަތާއެކު އެ ގައުމުގައި މެޑިކަލް އޮކްސިޖަން ލިބުން ދަތިވެއްޖެއެވެ.

އެގޮތުން އިންޑޮނޭޝިއާގެ ސަރުކާރުންވަނީ އޮކްސިޖަން އުފެއްދުމަށް އިސްކަން ދިނުމަށް އެ ގައުމުގައި އޮކްސިޖަން އުފައްދާ ފަރާތްތަކުގެ ކިބައިން އެދިފައެވެ. އެ ގައުމުގެ ހޮސްޕިޓަލްތަކުން ބުނާގޮތުން ހޮސްޕިޓަލްތަކުގައި ވެސް އޮކްސިޖަން ހުރީ ވަރަށް މަދު މިންވަރަކަށެވެ. އަދި އަވަސްމިނެއްގައި އޮކްސިޖަން ސްޓޮކް ހުސްވަމުންދާކަމަށްވެސް ހޮސްޕިޓަލްތަކުން ބުނެއެވެ. އެއްބައި ސިޓީތަކުގެ ހޮސްޕިޓަލްތަކުން އޮކްސިޖަން މިހާރުވެސް ވަނީ ހުސްވެފައެވެ.

"މީހުން މެޑިކަލް އޮކްސިޖަން ފުނިޖެހޭ މިންވަރަށް ނުގަންނާނެކަމަށް އުންމީދުކުރަން. އެހެންނޫންނަމަ އޮކްސިޖަން ބޭނުންވާ މީހުންނަށް ހާލަތު އިތުރަށް ގޯސްވާނީ،" އިންޑޮނޭޝިއާގެ ހެލްތު މިނިސްޓްރީ އޮފިޝަލަކު ވިދާޅުވިއެވެ.

އިންޑޮނޭޝިއާގައި ދުވާލަކު 25،000 ހަށްވުރެ ގިނަ މީހުން އަންނަނީ ކޮވިޑް19 އަށް ޕޮސިޓިވް ވަމުންނެވެ. ދަތުރުފަތުރުކުރުން އިތުރުވުމާއި ޑެލްޓާ ވޭރިއެންޓުގެ ސަބަބުން އިންޑޮނޭޝިއާގައި ކޮވިޑް19 ހަލުވި މިނެއްގައި ދަނީ ފެތުރެމުންނެވެ.

ދެކުނުއިރުމަތީ އޭޝިއާގެ ގައުމުތަކުގެ ތެރެއިން ބަލީގެ ހާލަތު އެންމެ ގޯސް ގައުމަކީވެސް އިންޑޮނޭޝިއާއެވެ. އެގޮތުން އިންޑޮނޭޝިއާގައި މިހާތަނަށް 2.3 މިލިއަން މީހުން ޕޮޒިޓިވްފެފައިވާއިރު، 60،000 އަށްވުރެ ގިނަ މީހުންވަނީ ކޮވިޑް19 ޖެހިގެން މަރުވެފައެވެ.

އެއާއެކު އިންޑޮނޭޝިއާގައި މިހާރު ފެންނަ އަދަދަށްވުރެވެސް ކޭސްތައް އިތުރުވާނެކަމަށް އެ ގައުމުގެ ސިއްހީ މާހިރުން ވަނީ ބުނެފައެވެ.

އިންޑޮނޭޝިއާގެ ވެރި ރަށް ޖަކާޓާ ފިޔަވާ އެހެން ހިސާބުތަކުގައި ބައްޔަށް ޓެސްޓުކުރެވޭ މިންވަރު އެކަށިގެންވާ މިންވަރަށްވުރެ ދަށްކަމަށްވެސް އެ ގައުމުގެ ސިއްހީ މާހިރުން ވަނީ ބުނެފައެވެ.