05 Jul 2021, 15:05
އެއާޕޯޓު ސާވިސް ޗާޖު ނެގުން ހުއްޓާލައި, ފަސިންޖަރުން ދަތުރު ކުރާ ކުލާހަށް ބިނާކޮށް ޓެކްސްއެއް ތައާރަފު ކުރުމަށް ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ދިވެހިރާއްޖޭގެ އެއާޕޯޓަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ ފީ ނެގުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސްކުރުމަށް ވޯޓުގައި ބައިވެރިވި 43 މެންބަރުންގެ ތެރެއިން 42 މެންބަރުން ވަނީ ވޯޓު ދީފައެވެ. އަދި އެ ބިލު އެގޮތަށް ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދީފައިވަނީ އެންމެ މެންބަރަކެވެ.
ބިލު ފާސްވުމަށް ބޭނުންވަނީ 22 ވޯޓެެވެ.
ފަސިންޖަރުންގެ އަތުން ނަގާ ފީ ނެގުމާ ބެހޭ ގާނޫނަށް އިގްތިސާދީ ކޮމިޓީން ގެނެސްފައިވާ އިސްލާހުތަކުގައި ވަނީ ވެލާނާ އެއާޕޯޓުން ފުރާ ފަސިންޖަރުން އަތުން މިހާރު ނަގާ އެއާޕޯޓު ޑިވަލޮމްޕަންޓު ފީގެ ރޭޓް ބަދަލު ކުރުމަށްވެސް ނިންމާފައެވެ.
ރާއްޖޭގެ އެއާޕޯޓަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުން އަތުން ޓެކްސްއާއި ފީ ނެގުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހެޅީ 2019 ވަނަ އަހަރު ޑިސެމްބަރު މަހު އެވެ.
މީގެ ދެ އަހަރާއި ބައިގެ ކުރިން ބިލު ހުށަހެޅި އިރުވެސް އޮތީ, ސާވިސް ޗާޖު ނެގުން ހުއްޓާލައި, ފަސިންޖަރުން ދަތުރު ކުރާ ކުލާހަށް ބިނާކޮށް "ޑިޕާޗާ ޓެކްސް"ގެ ނަމުގައި ޓެކްސްއެއް ތައާރަފު ކުރުމަށެވެ. އަދި ވެލާނާ އެއާޕޯޓުން ފުރާ ފަސިންޖަރުންގެ އަތުން ނަގާ އެއާޕޯޓު ޑިވަލޮމްޕަންޓް ފީގެ ރޭޓުތައްވެސް ބަދަލު ކުރުމަށް ހުށަހަޅާފައިވެއެވެ.
ނަމަވެސް އޭރު އެކަން ކުރަން ފެށުމަށް ބިލުގައި ހިމެނި މުއްދަތުތައް ފަހަނައަޅާައި ގޮސްފައިވާތީވެ, ފިނޭންސް މިނިސްޓްރީން ހުށަހެޅި ގޮތަށް އެ މުއްދަތަށް ބަދަލު ގެނައުމަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
ކޮމިޓީން މިހާރު ފާސްކޮށްފައި ވަނީ, ސާވިސް ޗާޖް ނެގުން މިއަހަރުގެ ނިޔަލަށް ހުއްޓާލުމަށްފަހު, އަންނަ އަހަރު ޖެނުއަރީ އެކަކުން ފެށިގެން ޑިޕާޗާ ޓެކްސް ނަގަން ފެށުމަށެވެ.
ރާއްޖޭގެ ކޮންމެ އެއާޕޯޓަކުން ބޭރަށް ދަތުރު ކުރާ ހުރިހާ ދިވެހިންގެ އަތުންވެސް ޑިޕާޗާ ޓެކްސް ނެގުމަށް ބިލުގައި ހިމަނާފައިވެ އެވެ. ނަމަވެސް ދިވެހިންނާއި ބިދޭސީންގެ އިކޮނޮމީ ކްލާސްގައި ނަގާ މިންވަރު ތަފާތެވެ. ހަތަރު ކުލާހަކަށް ކެޓަގަރީކޮށްފައިވާއިރު, ދެން ހުރި ކުލާސްތަކުން ދިވެހިންނާއި ބިދޭސީންގެ އަތުން އެއް އަދަދެއް ނެގުމަށް ބިލުގައި ހިމަނާފައިވެ އެވެ.
އެގޮތުން އިކޮނޮމީ ކްލާަސްގައި ދަތުރު ކުރާ ދިވެހިންގެ އަތުން ޑީޕާޗާ ޓެކްސްގެ ގޮތުގައި ނަގާނީ 12 ޑޮލަރެވެ. އަދި ބިދޭސީންގެ އަތުން ނަގާނީ 30 ޑޮލަރެވެ.
ބިޒްނަސް ކުލާހުގައި ދަތުރު ކުރާ ދިވެހިން އަދި ބިދޭސީންގެ އަތުން ޑިޕާޗާ ޓެކްސްގެ ގޮތުގައި ނަގާނީ 60 ޑޮލަރެވެ. ފަސްޓު ކުލާހުގައި ދަތުރު ކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން ނަގާނީ 90 ޑޮލަރެވެ. އަދި ޕްރައިވެޓް ޖެޓުން ދަތުކުރާ މީހުންގެ އަތުން ނަގާނީ, 120 ޑޮލަރު ކަމަށް ބިލުގައި ބުނެފައިވެއެވެ.
ޑިޕާޗާ ޓެކްސް އިސްތިސްނާ ވަނީ ހަމައެކަނި ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ މީހުންނާއި ޓްރާސްސިޓް ފަސިންޖަރުން އަދި އުމުރުން ދެ އަހަރު ނުވާ ކުޑަކުދިންނަށެވެ.
އެއާޕޯޓު ޑިވަލޮމްޕަންޓު ފީއިން ދިވެހިންނާއި ބިދޭސީންގެ އިކޮނޮމީ ކްލާސްގައި ނަގާ މިންވަރު ތަފާތެވެ. ހަތަރު ކުލާހަކަށް ކެޓަގަރީކޮށްފައިވާއިރު, ދެން ހުރި ކުލާސްތަކުން ދިވެހިންނާއި ބިދޭސީންގެ އަތުން އެއް އަދަދެއް ނެގުމަށް ބިލުގައި ހިމަނާފައިވެ އެވެ.
އެގޮތުން އިކޮނޮމީ ކްލާަސްގައި ދަތުރު ކުރާ ދިވެހިންގެ އަތުން އެއާޕޯޓު ޑިވަލޮމްޕަންޓު ފީގެ ގޮތުގައި ނަގާނީ 12 ޑޮލަރެވެ. އަދި ބިދޭސީންގެ އަތުން ނަގާނީ 30 ޑޮލަރެވެ.
ބިޒްނަސް ކުލާހުގައި ދަތުރު ކުރާ ދިވެހިން އަދި ބިދޭސީންގެ އަތުން އާޕޯޓު ޑިވަލޮމްޕަންޓު ފީގެ ގޮތުގައި ނަގާނީ 60 ޑޮލަރެވެ. ފަސްޓު ކުލާހުގައި ދަތުރު ކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން ނަގާނީ 90 ޑޮލަރެވެ. އަދި ޕްރައިވެޓް ޖެޓުން ދަތުރުކުރާ މީހުންގެ އަތުން ނަގާނީ, 120 ޑޮލަރު ކަމަށް ބިލުގައި ބުނެފައިވެއެވެ.