އާމްދަނީން ނަގާ ޓެކްސް މާފު ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ގޮތަށް މުޅި މަޖިލީހުގެ ކޮމިޓީން (ކޮމިޓީ އޮފް ދަ ހޯލް ހައުސް) އިން މިއަދު ފާސްކޮށްފިއެވެ.

ބިލަށް ބަހުސްކޮށް މުޅި މަޖިލީހުގެ ކޮމެޓީގައި މިއަދު ނެގި ވޯޓުގައި ފެންނަ ކަމަށް 27 މެމްބަރަކު ވޯޓު ދެއްވާފައިވާއިރު ނުފެންނަ ކަމަށް އެއް މެމްބަރަަކު ވޯޓު ދެއްވި އެވެ.

ސަރުކާރުގެ ފަރާތުން ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު ހުށަހެޅުއްވި މި ބިލުގައި ބަޔާން ކޮށްފައިވާ ގޮތުގައި ވިޔަފާރީގެ ވަކި މަޝްރޫއުތަކުން ނޫނީ ވަކި ދާއިރާ ތަކަކުން ލިބޭ އާމްދަނީން ޓެކްސް ނެގުން އިސްތިސްނާ ކުރުމުގެ ބާރާއި އިހުތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބޭނެ އެވެ.

އެ ބިލުގައި ހުށަހަޅާފައިވަނީ އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ފަހަތަށް 1-12 މާއްދާ އިތުުރުކުރާށެވެ. އެ މާއްދާގައި 15 އަކުރެއް ހިމެނެއެވެ. އެ މާއްދާގައި ބުނަނީ ވަކި ދާއިރާތަކަކުން ނުވަތަ ވަކި މަޝްރޫއުތަކަކުން އިންކަމް ޓެކްސް ނެގުމުން އިސްތިސްނާކުރުމުގެ އިހުތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބޭނެ ކަމަށާއި އިސްތިސްނާކުރެވޭ ދާއިރާތަކާއި މަޝްރޫއުތައް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅަންވާނީ ކެބިނެޓުގެ މަޝްވަރާގެ މަތިން ކަމަށެވެ.

އިސްތިންސާ ކަނޑައެޅުމުގައި އޭގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް ކުރާނެ އަސަރާއި, އިސްތިސްނާގެ ސަބަބުން އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ކުރާނެ ފައިދާއާއި ގެއްލުމުގެ އިތުރުން އިސްތިސްނާ ދީގެން ހާސިލުކުރަން ބޭނުންވާ މަގުސަދު ހާސިލުވާނެ މިންވަރަށް ރިއާއަތްކުރަން ޖެހެއެވެ.

މި ބިލަށް ބަހުސް ކުރައްވަމުން މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ ޓެކްސް އަކީ ރައީސުލްޖުމްހޫރިއްޔާއަށް ގޮތް ކިއޭ އެއްޗެއް ނޫން ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ ގައުމު ތަރައްގީ ކުރަން ބޭނުން ނަމަ އެ ކެޕިޓަލް ހޯދަން މި ޖެހެނީ އިންވެސްޓްމެންޓް ޓްރެޖީމް އެއްގެ ތެރެއިން،" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ބްރިޖް އަޅަން ޖެހޭނީ އާއްމު ރައްޔިތުންގެ ޖީބުން ދައްކާ ޓެކުހުން ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ ވައްކަމެއް ކުރަން ދޮރު ހުޅުމުމަށްފަހު އަދި ރައީސުލްޖުމްހޫރިއްޔާ ޓެކްސް މާފު ކުރަންވެސް ބޮޑު ދޮރެއް ހުޅުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށެވެ.