ސްރީލަންކާގެ މައުންޓް ލެވިނިއާގައި 15 އަހަރުގެ ކުޑަކުއްޖަކު ލައްވާ ހަށިވިއްކުވި މައްސަލައަކާ ގުޅިގެން ހައްޔަރުކުރީ ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީކަން "ސަން"އަށް އެނގިއްޖެއެވެ.

އަޝްމަލީ ވަނީ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުގައި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައެވެ. ފިނޭންސްގެ ސްޓޭޓް މިނިސްޓަރުކަމުގައި ހުންނަވައި އޭނާ ވަނީ ނޭޝަނަލް ސެންޓަރ ފޯރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)ގެ އިސްވެރިއެއްގެ ދައުރު ވެސް އަދާކުރައްވާފައެވެ.

ލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ މައްސަލައިގައި 32 މީހަކު ހައްޔަރުކޮށްފައިވެއެވެ.

ލަންކާގެ "ދަ މޯނިންގް" ނޫހުގައި ވާ ގޮތުން މައްސަލައިގައި ހައްޔަރުކުރި "ދިވެހި މީހާ" ވަނީ "ފައިސާ ދީގެން އެ ކުއްޖާ ގެންގޮސްފަ" އެވެ.

މި މައްސަލައިގައި ހައްޔަރުކުރީ އަޝްމަލީކަން "ސަން"އަށް އިތުބާރު ހުރި މަސްދަރުތަކުން ވަނީ އެނގިފައެވެ.

މައުންޓް ލަވިނިއާގައި 15 އަހަރުގެ ކުއްޖެއް ލައްވާ ތިން މަސް ވަންދެން ހަށިވިއްކުވި މައްސަލައެއްގައި މީހަކު ފުރަތަމަ ހައްޔަރު ކުރީ މިދިޔަ މަހުގެ 7ގަ އެވެ. އަދި އެ މައްސަލާގައި މިހާތަނަށް 31 މީހަކު ހައްޔަރުކޮށް، ކުޑަކުއްޖަކު ރޭޕް ކުރި ކަމުގެ ތުހުމަތު 12 މީހަކަށް ކޮށްފައިވެ އެވެ.

ސްރީލަންކާގެ ފުލުހުންގެ ތަރުޖަމާނާ ހަވާލައިދީ އެގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން މައްސަލާގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ކުއްޖާގެ މަންމަވެސް ހިމެނެ އެވެ.