17 Feb 2012, 14:35
ކުޑަކޮށްފައިވާ މުސާރަ ސިވިލްސާވިސް މުވައްޒަފުންނަށް ލިބޭ ގޮތަށް މުސާރަ ޝީޓް ތައްޔާރުކުރަން ފިނޭސް މިނިސްޓްރީން ސަރުކާރުގެ އޮފީސްތަކަށް ނޭންގޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.
ސުޕްރީމް ކޯޓުން އެގޮތަށް ހުކުމްކުރީ ޖެނުއަރީ ،1 2010 އިން ފެށިގެން ސިވިލްސާވިސް މުވައްޒަފުންގެ މުސާރަ ރުޖޫއަކުރަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ނިންމާފައިވަނިކޮށް އޮކްޓޯބަރު 1 2009 ގައި ސީއެސްސީން ކުޑަކުރި މުސާރަ ލިބޭގޮތަށް މުސާރަ ޝީޓް ތައްޔާރުކުރަން ފިނޭންސް މިނިސްޓްރީން ސަރުކާރުގެ އޮފީސްތަކަށް އެންގި އެންގުމަކީ ބާތިލު އެންގުމެއް ކަމަށް ސިވިލް ކޯޓުން ކުރި ހުކުމަށް ތާއީދުކޮށް ހައިކޯޓުން ކުރި ހުކުމް ކުރީގެ ސަރުކާރުގެ ބަންޑާރަނައިބް އިސްތިއުނާފް ކުރި މައްސަލަ ބެލުމަށްފަހު އިއްޔެ އެވެ.
ސްޕްރީމް ކޯޓުގެ ހުކުމްގައި ބުނަނީ ސިވިލްސާވިސް މުވައްޒަފުންގެ މުސާރައަށް ގެނެވޭ ބަދަލު މުރާޖާ ކުރުމަކީ ސިވިލް ސާވިސްގެ ގާނޫނޫގެ ދަށުން ހަމައެކަނި ސީއެސްސީއަށް ލިބިގެންވާ ބާރަކަށްވާއިރު ގާނޫނޫނުން ސީއެސްސީއަށް ލިބިގެންވާ ބާރަކަށް ހުރަސްއެޅޭ ފަދަ ގޮތަކަށް އަމަލުކުރުމުގެ ބާރު ފިނޭންސް މިނިސްޓްރީއަށް ލިބިގެން ނުވާކަމަށެވެ.
ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ސީއެސްސީން ކުޑަކުރީ އޮކްޓޯބަރު، 1، 2009 އިންފެށިގެން އެ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށެވެ. އޭގެ ފަހުން ޖެނުރައީ، 1، 2010 އިން ފެށިގެން ސީއެސްސީން ވަނީ އޮކްޓޯބަރު، 1، 2009 ގެ ކުރިން ލިބެމުން އައި މުސާރައަށް މުވައްޒަފުންގެ މުސާރަ ރުޖޫއަކޮށްފައެވެ.
ނަމަވެސް ފިނޭންސް މިނިސްޓްރީން ބޮޑުމުސާރަ ދެވޭވަރަށް ފައިސާ ޖަމާކޮށްދީފައި ނުވުމުން އެ އަހަރުގެ ނިޔަލަށް މުވައްޒަފުންނަށް ދީފައި ވަނީ ކުޑަ މުސާރައެވެ. ސަރުކާރުން މުވައްޒަފުންނަށް ބޮޑު މުސާރަ ދޭން ފަށާފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ނެވެ.