05 Jul 2021, 11:42
ރަހީނުކޮށް މަރާލާފައި އޮއްވާ ފެނުނު 13 އަހަރުގެ ކުޑަކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ މިއަދުގެ 10:15 ގެ ފްލައިޓުން އެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވާލާފައިވާ ކަމަށެވެ. ޕޯސްޓްމޯޓަމް ހެދުމަށް އެކުއްޖާގެ ހަށިގަނޑު ފޮނުވާލާފައިވަނީ އިންޑިއާގެ ޓްރެވެންޑްރަމް އަށެވެ.
ފުލުހުން މީގެ ކުރިން ވަނީ ނިމުނު ހަފްތާރެ ތެރޭގައި 13 އަހަރުގެ ކުއްޖާގެ ހަށިގަނޑު ޕޯސްޓް މޯޓަމް ހެދުމަށް ފޮނުވާނެ ކަމަށް ބުނެފައެވެ. ނަމަވެސް އެކުއްޖާގެ ހަށިގަނޑު ފޮނުވާލެވިފައި މިވަނީ ހަށިގަނޑު ފެނުނުތާ ދެ ހަފްތާ ފަހުންނެވެ.
ރަހީނުކޮށް މަރާލުމަށްފަހު ފޮށްޓަކަށްލައި އެއްލާލާފައި އޮއްވައި ހުޅުމާލެ ފޭސްގެ މޫދުން 13 އަހަރުގެ ކުއްޖާގެ ހަށިގަނޑު ފެނުނީ މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
އެ ކުއްޖާ މަރާލާފައި އޮއްވައި ފެނުނީ އެ ކުއްޖާ ރަހީނުކޮށްގެން އުޅޭ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބި އެ ކުއްޖާ ހޯދުމަށް މަސައްކަތް ކުރަމުން ދަނިކޮށެވެ. އެކުއްޖާގެ ހަށިގަނޑު ފެނުނު އިރުވެސް ގިނަ ޒަހަމްތަކެއް ވަނީ ވެފައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ 27 އަހަރުގެ ފިރިހެނަކާއި 17 އަހަރުގެ ކުއްޖަކު މިހާތަނަށް ހައްޔަރުކޮށްފަ އެވެ. އުމުރުން 27 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައިވާއިރު 17 އަހަރުގެ ކުއްޖާ ހުރީ 15 ދުވަހަށް ބަންދުގަ އެވެ.