05 Jul 2021, 11:50
ސްރީލަންކާގެ މައުންޓް ލެވިނިއާގައި 15 އަހަރުގެ ކުޑަކުއްޖަކު ލައްވާ ހަށިވިއްކުވި މައްސަލައަކާ ގުޅިގެން އެގައުމުން އިއްޔެ ދިވެއްސަކު ހައްޔަރުކޮށްފި ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.
ލަންކާގެ ފުލުހުންގެ ތަރުޖަމާނު ސީނިއާ ޑީއައިޖީ އަޖިތު ރޮހާނާއާ ހަވާލާދީ އެގައުމުގެ ނިއުސް ފަސްޓް ނޫހުން ރިޕޯޓު ކުރި ގޮތުގައި އިއްޔެ ހައްޔަރު ކުރި ލަންކާގެ ތިން މީހުންނަކީ، 15 އަހަރުގެ ކުއްޖާ ލައްވާ ހަށިވިއްކުވަން ބޭނުން ކުރި ހޮޓަލުގެ މެނޭޖަރާއި އެ ކުއްޖާއާ ގުޅުން ހުރި އިޝްތިހާރެއް ޖެހި ވެބްސައިޓު ހިންގުމުގައި ބައިވެރިވާ ދެ މީހެކެވެ. އަދި އެގައުމުގެދަ މޯނިން ނޫހުގައިވާ ގޮތުން ދިވެހި މީހާ ހައްޔަރުކުރީ "ފައިސާ ދީގެން އެ ކުއްޖާ ގެންދިޔަ" ކަމުގެ ތުހުމަތުގައެވެ.
މައުންޓް ލަވިނިއާގައި 15 އަހަރުގެ ކުއްޖެއް ލައްވާ ތިން މަސް ވަންދެން ހަށިވިއްކުވި މައްސަލައެއްގައި މީހަކު ފުރަތަމަ ހައްޔަރު ކުރީ މިދިޔަ މަހުގެ 7ގަ އެވެ. އަދި އެ މައްސަލާގައި މިހާތަނަށް 31 މީހަކު ހައްޔަރުކޮށް، ކުޑަކުއްޖަކު ރޭޕް ކުރި ކަމުގެ ތުހުމަތު 12 މީހަކަށް ކޮށްފައިވެ އެވެ.
ރޮހާނާ ވިދާޅުވި ގޮތުގައި އެ މައްސަލާގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ކުއްޖާގެ މަންމަވެސް ހިމެނެ އެވެ.