05 Jul 2021, 11:39
ގާހިރާ (ޖުލައި 05): މިދިޔަ މާޗްމަހުގެ ފަހުކޮޅު ސުއޭޒް ކެނަލްގައި ތާށިވި އަދި އެކެނަލް ބަންދުވުމުގެ ސަބަބަކަށްވި ބިޔަ އާގު ބޯޓު "އެވަރ ގިވެން" ނިސްބަތްވާ ޖަޕާނުގެ "ޝޯއި ކިޝެން ކައިޝާ" ކުންފުނިން ބަދަލުދޭން އެއްބަސްވުމުން އަންނަ ހަފްތާގައި އެބޯޓު މިނިވަންކުރުމަށް މިސްރުން ނިންމައިފިއެވެ.
މިސްރުގެ ސުއޭޒް ކެނަލް ހިންގައި އޮޕަރޭޓްކުރާ އިދާރާކަމަށްވާ ސުއޭޒް ކެނަލް އޮތޯރިޓީ (އެސްސީއޭ) އާ ހަވާލާދީ މިސްރުގެ ނޫސްތައް ބުނާގޮތުން "އެވަރ ގިވެން"ގެ ސަބަބުން ސުއޭޒް ކެނަލްއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 550 މިލިއަން ޑޮލަރު ދިނުމުގެ އެއްބަސްވުމުގައި "ޝޯއި ކިޝެން ކައިޝާ" ކުންފުންޏާއި "ސުއޭޒް ކެނަލް އޮތޯރިޓީ"ގެ މަސްއޫލުވެރިން އަންނަ ބުދަ ދުވަހު ސޮއިކުރައްވާނެއެވެ. މިއާއެކު ސުއޭޒް ކެނަލްއިން ފުރުމުގެ ހުއްދަ "އެވަރ ގިވެން"އަށް ދީ, އެ ބޯޓު އެ ދުވަހު މިނިވަންވެސް ކުރާނެއެވެ.

އެވާގިވެން ބޯޓު ސުއޭޒް ކެނަލްގައި ތާށިވެފައި
"އެވަރ ގިވެން" ބޯޓު ސުއޭޒް ކެނަލްގައި ހުރަހަށް ތާށިވުމުގެ ސަބަބުން މާޗްމަހުގެ 23 އިން 29 އަށް (7 ދުވަހުގެ މުއްދަތަށް) ސުއޭޒްކެނަލް އެއްކޮށް ބަންދުވިއެވެ. އެކަމުގެ ސަބަބުން ލިބުނު ގެއްލުންތަކާ އަދި އެބޯޓު ފުންކުރުމަށް ކުރަންޖެހުނު ބުރަ މަސައްކަތާއެކު ޖުމްލަ 900 މިލިއަން ޑޮލަރުގެ ބަދަލެއް ދިނުމަށް މިސްރުން ޖަޕާނުގެ "ޝޯއި ކިޝެން ކައިޝާ" ކުންފުނީގެ ކިބައިން އެދުނެވެ. ނަމަވެސް ދެފަރާތުން ވާހަކަދައްކައިގެން ބަދަލު ދިނުމުގެ އަގުވަނީ އެންމެފަހުން 550 މިލިއަން ޑޮލަރަށް ކުޑަކޮށްފައެވެ.
ވިހިހާސް ޓަނުގެ މުދާއުފުލުމުގެ ގާބިލްކަން ލިބިފައިވާ އާގު ބޯޓު "އެވަރ ގިވެން" އަކީ ދުނިޔޭގެ އެންމެ ބިޔަ ކޮންޓޭނަރު ބޯޓުތަކުގެ ތެރޭގައި ހިމެނޭ ބޯޓެކެވެ. އެ ބޯޓު މިދިޔަ މާޗްމަހުގެ 23 ވަނަ ދުވަހު ސުއޭޒް ކެނަލްގައި ހުރަހަށް ތާށިވީ ވެލީގެ ތޫފާނެއްގައި އައި ގަދަ ވައިގެ ސަބަބުން އޭގެ ހުންގާނުގެ ކޮންޓްރޯލް ގެއްލިގެންކަމަށް އެބޯޓުގެ ކެޕްޓަނާއި ފަޅުވެރިން ބުނެފައިވެއެވެ. ނަމަވެސް ސުއޭޒް ކެނަލް އޮތޯރިޓީ ބުނާގޮތުން ބޯޓު ތާށިވުމުގެ ކެޕްޓަންގެ އިހުމާލުވެސް ހިމެނެއެވެ.
ސުއޭޒް ކެނަލްގައި އެބޯޓު ތާށިވުމާއެކު ކެނަލް ބަންދުކުރަން ޖެހުނު 7 ދުވަހުގެ ތެރެއިން ކޮންމެ ދުވަހަކު 12-15 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއްގެ އެމެރިކާ ޑޮލަރުގެ ގެއްލުން ލިބުނު ކަމަށް އެ އޮތޯރިޓީ ބުނެފައިވެއެވެ. މީގެއިތުރުން ބޯޓު ފުންކުރުމަށް ކުރަންޖެހުނު މަސައްކަތަށްވެސް އެތަށް މިލިއަން ޑޮލަރެއް ހޭދަވި ކަމަށް ވެއެވެ.
ބަދަލުދިނުމުގެ ކަންތައް ކޮޅެއްގައި ޖެހެންދެން ސުއޭޒް ކެނަލް އޮތޯރިޓީން އޮތީ "އެވަރ ގިވެން" އެކެނަލްގައި އެއްފަރާތުގައި ބަނދަރުކުރުމަށް މަޖްބޫރުކޮށް ފުރިޔަ ނުދީ ހިފަހައްޓާފައެވެ. މިކަމުގެ ސަބަބުން ޖަޕާނުގެ "ޝޯއި ކިޝެން ކައިޝާ" ކުންފުންޏަށްވެސް އެތަށް ސަތޭކަ މިލިޔަން ޑޮލަރެއްގެ ގެއްލުން ލިބުނު ކަމަށް އެކުންފުނިންވަނީ ހާމަކޮށްފައެވެ.