17 Feb 2012, 14:06
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ އިސްނެގުމުގެ މަތިން ރޭ ދައުލަތުގެ ބަންޑާރަނައިބު ހާމަކުރެއްވި މަގުޗާޓުގައިވާ ކަންތައްތަކަށް ދިވެހި ރައްޔިތުންގެ ޕާޓީ ]ޑީއާރުޕީ[ އިން ފުރިހަމަ އަށް ތާއީދު ކުރަމެވެ.
ޑީއާރުޕީ އިން އެ މަގު ޗާޓަށް ތާއީދު ކުރަނީ ދިވެހި ރާއްޖޭގެ ޑިމޮކްރަޓިކް ބިންގާތައް ހަރުދަނާ ކުރުމަށާއި ރައްޔިތުންގެ ތެރޭގައި އަމަންއަމާން ކަމާއި ސުލްހަ މަސަލަސް ކަން ޤާއިމް ކުރުމަށާއި ޤައުމުގެ އިޤުތިސާދަށް ހުއްޓުމެއް ނެތި ކުރިއެރުންތައް ގެނައުމަށާއި މިނިވަން މުއައްސަސާތައް ހަރުދަނާ ކުރުމަށާއި ރައްޔިތުންގެ ދުޅަހެޔޮކަމާއި އުފާފާގަތި ކަމަށް އަބަދުމެ އެ ޕާޓީ އިން ތާއީދު ކުރާތީ ކަމަށް އެ ޕާޓީން ބުންޏެވެ.
އަދި އެކަންކަމަށް މަގުފަހި ކުރުމަށްޓަކައި އެމަގު ޗާޓުގައިވާ ގޮތުގެ މަތިން އަވަސް އިންތިޚާބަކަށް ދިއުމަށް މަގުފަހި ކުރުމުގެ ގޮތުން، ހުރިހާ ޕާޓީތަކެއްގެ މެދުގައި ވާހަކަތައް ފެށުމަށް ޑީއާރުޕީ އިން ތާއީދު ކުރާ ކަމަށް ވެސް އެ ޕާޓީ އިން ބުންޏެވެ.
އަދި މިފަދަ އިންތިޚާބަކަށް މަގުފަހި ކުރުމަށް ޓަކައި ޕާޓީތަކަށް އެއްބަސްވެވޭ ގޮތެއްގެ މަތިން ޤާނޫނު އަސާސީ އަށް ގެންނަން ޖެހޭ ބަދަލެއް ގެނައުމަށް ވެސް ޑީއާރުޕީ އިން އެއްބާރުލުން ދޭނެ ކަމަށް އެ ޕާޓީ އިން ބުންޏެވެ.