14:30


ރައްޔިތުންގެ މަޖިލިސްގެ ބައެއް މެމްބަރުން ވާހަކަ ދައްކަވައިފައިވާ ކަމަށް ބުނާ ފޯން ކޯލްތަކެއް ލީކުކޮށްލައިގެން އުޅޭ މައްސަލަ ތަހުގީގުކޮށްދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ފުލުސް އޮފީހަށް އެންގުމުން، ފުލުހުން އެ މަސައްކަތް ފަށައިފި އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލެއް ކަމަށްވާ ސަބް އިންސްޕެކްޓަރ އޮފް ޕޮލީސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ ލީކްކޮށްލައިގެން އުޅޭ ފޯން ކޯލްތަކުގެ މައްސަލަ ބަލައިދިނުމަށް މިދިޔަ ހަފްތާތެރޭ ޕީޖީ އޮފީހުން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ފުލުހުން އެ މައްސަލަ މިހާރު ބަލަމުންދާކަން ކަށަވަރުކޮށްދެއްވި ނަމަވެސް އިތުރު ތަފްސީލެއް ޝިޔާމް ނުދެއްވަ އެވެ.


ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވާހަކަ ދައްކަވާފައިވާ ކަމަށް ބުނާ އެއް އޯޑިއޯ ކްލިޕްގައި ވާހަކަ ދައްކަވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ކުޅުއްދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމެވެ. ދެ ވަނަ އަށް ލީކްކޮށްލި ފޯން ކޯލްތަކުގައި ވާހަކަ ދައްކަވާފައި ވަނީ ޕީއޭގެ ލީޑަރ އަދި މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީނާއި ކުޅުއްދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ދައްކަވާފައިވާ ވާހަކަތަކެއްގެ ފޯން ކޯލެވެ.