ޑެލްޓާ ވޭރިއެންޓުގެ ސަބަބުން މިހާރު ޔޫކޭއިން ފެންނަމުންދާ ކޭސްތަކުގެ އަދަދުތައް މަތި ނަމަވެސް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭން ނިންމައިފިއެވެ.

ފިޔަވަޅުތަކަށް ދިނުމަށް ހަމަޖެހިފައިވާ ލުއިތައް މިއަދު ބޮޑުވަޒީރު ބޮރިސް ޖޯންސަން އިއުލާނުކުރާނެއެވެ. ޖޯންސަން ވިދާޅުވީ އާންމު ދިރިއުޅުމައިގެން ކުރިޔަށް ދާއިރު ކޮވިޑާއެކު އުޅެން ދަސްކުރަން ޖެހޭކަމަށެވެ.

ޔޫކޭގައި ލޮކްޑައުންގެ ފިޔަވަޅުތަކަށް ލުއިދިނުމަށް ހަމަޖެހިފައިވަނީ ހަތަރު މަރުހަލާއަކަށް ބަހާލައިގެންނެވެ. އެގޮތުން މިއަދު ޖޯންސަން އިއުލާނުކުރައްވާނީ ލުއި ދިނުމުގެ ހަތަރުވަނަ މަރުހަލާއެވެ. އެއާއެކު މާސްކު އެޅުމާއި ގައިދުރުކުރުމުގެ ފިޔަވަޅުތަކަށް ނިމުމެއް އައިސް ކުރިޔެކޭ އެއްފަދައިން ބޮޑެތި ހަފްލާތަކާއި އިވެންޓުތައް ބޭއްވުމުގެ ފުރުސަތު ދެވޭނެއެވެ. މި ފިޔަވަޅުތަކަށް އަމަލުކުރަން ފަށާނީ ޖުލައި 19 އިން ފެށިގެންނެވެ.

"ހުރިހާ ޝުކުރެއްވެސް ވަނީ ކާމިޔާބުކަމާއެކު ކުރިޔަށްދާ އަޅުގަނޑުމެންގެ ވެކްސިނޭޝަން ޕްރޮގްރާމަށް. ރައްކާތެރިކަމާއެކު މަގުޗާޓާ އެއްގޮތަށް އަޅުގަނޑުމެން މިދަނީ ކުރިޔަށް. އެކަމަކުވެސް އަޅުގަނޑުމެން ހަނދާންކުރަންވާނެ، އަދިވެސް މި ޕެންޑަމިކް ނުނިމޭކަން އަދި ކުރިޔަށް އޮތް ހަފުތާތަކުގެ ތެރޭ ކޭސްތަކުގެ އަދަދު އިތުރުވާނެކަން. އަދި މި ވައިރަހާއެކު އުޅެން ދަސްކުރާއިރު ކޮވިޑުގެ ނުރައްކާ ވީހާވެސް ކުޑަވާނެގޮތަކަށް އަމަލުކުރުން މުހިންމު," ޖޯންސަން ވިދާޅުވިއެވެ.

ޖުލައި 4 އާ ހަމަޔަށް ޔޫކޭގައި ކޮވިޑު ވެކްސިންގެ 78 މިލިއަނަށްވުރެ ގިނަ ޑޯޒްވަނީ ޖަހާފައެވެ. އެއާއެކު މިހާރު ޔުކޭގެ ބޮޑެތި މީހުންގެ އާބާދީގެ 63.4 ޕަސަންޓު މީހުންނަށް ވަނީ ވެކްސިން ޖަހާފައެވެ.

ޔޫކޭގައި ކޮވިޑުގެ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދިނުމަށް ހަމަޖެހިފައިވާއިރު ބްރިޓިޝް މެޑިކަލް އެސޯސިއޭޝަން (ބީއެމްއޭ) އިން ވަނީ މިކަމާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.