ނޭޕިޑޯ (ޖުލައި 5): މިޔަންމާގެ އަސްކަރިއްޔާއިން އެގައުމުގެ ދިޕަޔިން އަވަށް ރޭޑުކޮށް، 25 މީހަކު މަރާލާފައިވާ ކަމަށް އެ އަވަށުގެ ރައްޔިތުން ބުނެފި އެވެ.

މިޔަންމާގެ ވެރިރަށާ 300 ކިލޯމީޓަރު ދުރުގައި އޮންނަ ދިޕަޔިންގެ މީހަކު ރޮއިޓާސްއަށް މައުލޫމާތު ދިން ގޮތުގައި މިދިޔަ ހުކުރު ދުވަހު ހަތަރު އަސްކަރީ ޓްރަކަކުން ސިފައިން އެ އަވަށަށް ދިޔަ އެވެ. އަދި އަސްކަރިއްޔާއާ ދެކޮޅު ޒުވާނުންތަކެއް ސިފައިންނާ ކުރިމަތިލުމުން ސިފައިން ބަޑި ޖެހީ އެވެ.

ރޮއިޓާސްއަށް މައުލޫމާތު ދިން މީހުން ބުނި ގޮތުގައި ސިފައިން ދިން ހަމަލާތަކުގައި 25 މީހަކު މަރުވި އެވެ.

މިޔަންމާގައި މިދިޔަ ފެބްރުއަރީ މަހުގެ އެކެއްގައި އަސްކަރިއްޔާއިން ބަޣާވާތް ކުރުމާ ގުޅިގެން އެ ބަޣާވާތާ ދެކޮޅަށް މުޒާހަރާކޮށް، ގިނަ އަދަދެއްގެ މީހުން ދަނީ މަދަނީ ބަސްނޭހުމުގެ ހަރަކާތްތަކުގައި ބައިވެރިވަމުންނެވެ. އަދި އެގައުމުގެ ބައެއް ސަރަހައްދުތަކުގައި އާއްމު ރައްޔިތުން ވަނީ އަސްކަރީ ސަރުކާރާ ދެކޮޅަށް އަމިއްލަ "ދިފާއީ ފައުޖުތަކެއް" އެކުލަވާލާފަ އެވެ. އެ ފައުޖުތަކުން ބޭނުން ކުރަނީ އަމިއްލައަށް ތައްޔާރު ކުރާ ހަތިޔާރެވެ.

ދިޕަޔިންގައި ދިރިއުޅޭ މީހަކު ބުނި ގޮތުގައި ހުކުރު ދުވަހު ސިފައިން އެ އަވަށަށް ދިޔައީ އެ އަވަށުގައި ހަރަކާތްތެރިވާ ރައްޔިތުންގެ ދިފާއީ ފައުޖުތަކުގެ މެމްބަރުން ހޯދުމަށެވެ. އަދި އެމީހުން އަމިއްލައަށް އަސްކަރިއްޔާއާ ހަވާލު ވާނެ ގޮތް ހެދުމަށްޓަކައި، ސިފައިން ވަކި މީހަކަށް ނުބަލާ ބަޑި ޖަހަން ފެށީ ކަމަށް އޭއެފްޕީ ނޫހާ ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ނަމަވެސް މިޔަންމާގެ ދައުލަތުގެ މީޑިއާއިން ރިޕޯޓު ކުރި ގޮތުގައި އެ ހާދިސާ ހިނގީ އަސްކަރިއްޔާއިން ދިޕަޔިންގައި ފޯރިމަރަމުން ދަނިކޮށް ބަޔަކު ސިފައިންނަށް ފުރަތަމަ ހަމަލާ ދިނުމުންނެވެ. އަދި ސިފައިންނަށް ހަމަލާ ދިނީ "ހަތިޔާރު އަޅައިގެން ތިބި ޓެރަރިސްޓުން" ކަމަށާއި އެމީހުންގެ އަތުން ނުރައްކާތެރި ހަތިޔާރު ފެނުނު ކަމަށް ދައުލަތުގެ މީޑިއާއިން ބުންޏެވެ.

މިޔަންމާގެ އަސްކަރިއްޔާއިން ކުރީގެ ލީޑަރު އަންގް ސަން ސޫޗީ ހައްޔަރުކޮށް، ވެރިކަން އަތުލި ފަހުން ހިނގި ހަމަނުޖެހުންތަކާ ހެދި 230،000އަށް ވުރެ ގިނަ މީހުންނަށް ގެދޮރު ދޫކޮށް ދާން ޖެހިފައިވާ ކަމަށް އދ.އިން ލަފާ ކުރެ އެވެ. އަދި އެ ބަޣާވާތަށް ފަހު ސަލާމަތީ ބާރުތަކުން މިހާތަނަށް 888 މީހަކު މަރާފައިވާ ކަމަށް މިޔަންމާގެ އެސިސްޓެންސް އެސޯސިއޭޝަން ފޯ ޕޮލިޓިކަލް ޕްރިޒަނާސްއިން ބުނެ އެވެ.