17 Feb 2012, 13:49
ތެހެރާން (ފެބްރުއަރީ 17) : ކައިރި މުސްތަޤްބަލެއްގައި އީރާނުން ނިއުކްލިޔާ ހަތިޔާރު އުފައްދާނެ ކަމަށް އިސްރާއީލުގެ ދިފާޢީ ވަޒީރު އިހޫދް ބަރާކް ވިދާޅުވެއްޖެ އެވެ.
އިސްރާއީލު ސިފައިންގެ ރޭޑިޔޯ އަށް ދެއްވި ބަސްދީ ގަތުމެއްގައި ބަރާކް ވިދާޅުވީ ކައިރި މުސްތަޤްބަލެއްގައި އީރާން ނިއުކްލިޔާ ބާރަކަށް ވެގެންދާނެ ކަމަށް އިސްރާއީލު ދެކޭކަމަށާއި އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމް ހުއްޓުވުމަށް ދެންކުރެވޭނެ މާބޮޑުކަމެއް ނެތް ކަމަށް ވެސް ބަރާކް ވިދާޅުވި އެވެ.
ބަރާކް މިހެން ވިދާޅުވީ ނިއުކްލިޔާ ޓެކްނޮލޮޖީގައި ވަރަށް ބޮޑެތި ކުރިއެރުންތަކެއް ހޯދިއްޖެކަން އީރާނުން އިއްޔެ ހާމަކޮށްފައި ވަނިކޮށެވެ. އީރާނުން އިއްޔެ ވަނީ އެ ޤައުމުގެ ނިއުކްލިޔާ ރިއެކްޓަތަކަށް ބޭނުންވާ ނިއުކްލިޔާ ފިއުލް އަމިއްލައަށް އުފެއްދުމަށް ކުރި މަސައްކަތުން 20 އިންސައްތައަށް ފައްކާކޮށްފައިވާ ޔޫރޭނިޔަމްގެ ރޮޑްތަކެއް ތެހެރާންގެ ނިއުކްލިޔާ ލެބޯޓްރީއެއްގައި ހަރުކުރިކަން އިއްލާންކޮށްފަ އެވެ.
މިރޮޑްތައް ހަރުކުރި ތެހެރާންގެ ނިއުކްލިޔާ ލެބޯޓްރީއަކީ ކެންސަރު ފަދަ ބަލިތަކަށް ރޭޑިއޭޝަންގެ ފަރުވާ ދިނުމަށް ބޭނުންވާ ނިއުކްލިޔާ އައިސޮޓްޕްސް އުފެއްދުމަށް އީރާނުން ބިނާކޮށްފައިވާ ނިއުކްލިޔާ މެޑިކަލް ލެބޯޓްރީއެކެވެ. ކެންސަރު ބައްޔަށް ނިއުކްލިޔާ ރޭޑިއޭޝަންގެ ފަރުވާ ބޭނުންވާ ފަސްލައްކަ މީހުން އީރާންގައި އެބަތިބި ކަމަށް އެޤައުމުގެ ސިއްޙަތާބެހޭ ދާއިރާއިން ބުނެ އެވެ.
މީގެއިތުރުން ޔޫރޭނިޔަމް ފައްކާކުރުމަށް އީރާނުން މިހާރު ބޭނުންކުރާ ނިއުކްލިޔާ ސެންޓްރިފިއުޖް މެޝިންތަކަށް ވުރެ އެތައް ގުނައެއް ބާރުގަދަ އަދި ޓެކްނޮލޮޖީގެ ގޮތުން މާބޮޑަށް ތަރައްޤީކޮށްފައިވާ މެޝިންތަކެއް އީޖާދުކޮށް އޭގެތެރެއިން ތިން ހާސް މެޝިން މިހާރު ޚިދްމަތަށް ނެރެފައިވާ ކަންވެސް އިރާނުން އިއްޔެ ވަނީ ހާމަކޮށްފަ އެވެ.
މި ތިން ހާސް މެޝިނާ އެކު ޔޫރޭނިޔަމް ފައްކާކުރުމަށް ޓަކައި މިހާރު ނުހާހަށް ވުރެ ގިނަ ނިއުކްލިޔާ ސެންޓްރިފިއުޖް މެޝިންތައް ބޭނުންކުރަމުން ގެންދާ ކަމަށް އީރާނުގެ ނިއުކްލިޔާ ހަކަތައާ ބެހޭ އެޖެންސީ ބުނެއެވެ. އީރާނުގެ ނިއުކްލިޔާ މިކުރިއެރުންތަކާ މެދު ކަންބޮޑުވާ ކަން ފަރަންސޭސިވިލާތާއި ރަޝިޔާއިން ވަނީ ހަމަކޮށްފަ އެވެ.
ނަމަވެސް މިކުރިއެރުންތަކުގެ މުހިއްމުކަން ކުޑަކަން ދޭހަވާ ގޮތަށް އެމެރިކާގެ ޚާރިޖިއްޔާގެ ތަރްޖަމާނާ ވިކްޓޯރިޔާ ނޮލެންޑް ވަނީ ވާހަކަ ދައްކަވާފަ އެވެ. (ނޫސްއެޖެންސީތައް)