މިހާރު ކުރިމަތިލާންޖެހިފައިވާ ކޮވިޑުގެ ބިޔަ ރާޅުގެ ތެރޭގައި އިންޑިއާއިން އިތުރު ކޮވިޑް ވެކްސިނެއް އުފެއްދުމަށް މަސައްކަތް ފަށައިފިއެވެ.

އިންޑިއާގެ ބައޮލޮޖިކަލް-އީ ކުންފުންޏާއި ސީރަމް އިންސްޓިޓިޔުޓް އޮފް އިންޑިއާ ގުޅިގެން ތައްޔާރުކުރަމުން އަންނަނީ "ނޯވާވެކްސް" ވެކްސިންގެ ފޯމިއުލާގައި "ކޮވޮވެކްސް"ގެ ނަމުގެ ވެކްސިނެކެވެ.

ބައޮލޮޖިކަލް އީ ކުންފުނިން ބުނާގޮތުން އެމެރިކާގެ ކްލިނިކުތަކުގައި މި ވެކްސިންގެ ޓްރައަލް ޓެސްޓިން އެބަ ކުރިއަށް ދެއެވެ. ވެކްސިންގެ ޓްރައަލް ކުރިއަށްދާއިރު މި ވެކްސިންއަކީ 90 ޕަސެންޓް ބަލިން ދިފާއުކޮށްދިނުމުގެ ގާބިލުކަން ހުރި ވެކްސިންއެއް ކަމަށް އެ ކުންފުނިން ބުނެއެވެ. މި ވެކްސިން ރަސްމީގޮތެއްގައި އިފްތިތާހު ކުރުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ.

އިންޑިއާއިން ދެވަނަ ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ކުރިއަށް ގެންދާއިރު ޗައިނާއިންވެސް ވަނީ ދެ ވެކްސިން އުފައްދާފައެވެ. އެއީ ސިނޮފާމް ވެކްސިނާއި ސައިނޯވެކް ވެކްސިނެވެ.

މީގެއިތުރުން އިންޑިއާއިން ވަނީ އިތުރު ކޮވިޑް ވެކްސިންއެއްގެ 300 މިލިއަން ޑޯޒް ހޯދުމަށް ބައޮލޮޖިކަލް-އީ ކުންފުންޏަށް އޯޑަރު ދީފައެވެ.

މިހާތަނަށް އިންޑިއާގައި ތިން ވެކްސިންއެއްގެ 260 މިލިއަނަށްވުރެ ގިނަ ޑޯޒް ވަނީ ދީފައެވެ. އިންޑިއާގައި މިހާރު ދެވެމުން އަންނަނީ ކޮވިޝީލްޑާއި، ކޮވެކްސިން އަދި ސްޕަޓްނިކް-ވީ ވެކްސިންއެވެ.

ޖުމްލަ 30 މިލިއަނަށްވުރެ ގިނަ މީހުންނަށް އިންޑިއާގައި ކޮވިޑް ޖެހިފައިވާއިރު، މިހާތަނަށް އެ ގައުމުގައި ތިން ލައްކައަށްވުރެ ގިނަ މީހުން މި ބަލީގައި ވަނީ މަރުވެފައެވެ.