04 Jul 2021, 22:12
ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަން ގޮއްވާލާނެ ކަމުގެ އިންޒާރާއެކު ޓުވީޓުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މުހައްމަދު އިނާދުގެ ތަހުގީގަށް ބަލައި، އޭނާ އެމްޑީޕީގެ މެމްބަރުކަމުން ވަކިކުރަން އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީން ނިންމައިފި އެވެ.
އެމްޑީޕީއިން ނެރުނު ނޫސްބަޔާނުގައި ވަނީ ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ ޓްވީޓްކުރި މައްސަލާމެދު ކަންބޮޑުވުން ފާޅުކޮށް، އެކަން ކުށްވެރިކޮށްފަ އެވެ.
އެމްޑީޕީއިން ބުނީ ޓެރަރިޒަމް ފަދަ ބޮޑެތި ކުށްތައް އެއްވެސް މިންވަރަކަށް ބަލައިނުގަންނާނެ ކަމަށެވެ.
އެފަދަ ނުރައްކާތެރި ކަންކަން ކުރާނެ ކަމުގެ އިންޒާރުދީ، މީހުންނަށާއި މުދަލާއި ތަކެއްޗަށް ގެއްލުން ދިނުމަށް ގޮވާލާ މިފަދަ ކުށްތަކަށް ތަރުހީބު ދިނުމަކީ ޖިނާއީ ކުށެއްކަން ފާހަގަކޮށް، އެފަދަ ކުށްތަކަށް އަރައިގަންނަން އިންޒާރުދީ. ހިތްވަރުދޭ ފަރާތްތަކާ މެދު އަވަސް އަދި ފުރިހަމަ ތަހުގީގެއް ހިންގައި، ކުށްވެރީންނަށް ހައްގު އަދަބު ލިބިދިނުމަށް ކަމާބެހޭ މުއައްސަސާތަކަށް އެ ޕާޓީން ވަނީ ގޮވާލާފަ އެވެ.
އިންޑިއާ ހައި ކޮމިޝަން ގޮއްވާލާނެކަމުގެ އިންޒާރާއެކު ފޮރިން މިނިސްޓްރީގެ އެދުމުގެ މަތިން އެމްއެންޑީއެފްއިން ވަނީ އެތަނުގެ ސެކިއުރިޓީވެސް ވަރުގަދަކޮށްފަ އެވެ.
މިފަދަ އަމަލުތަކުގެ ސަބަބުން ބޭރު ގައުމުތަކުގެ ޑިޕްލޮމެޓިކް މިޝަންތަކާއި ޑިޕްލޮމެޓުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރައި އެ ގައުމުތަކާއެކު އޮންނަ ގުޅުމަށްވެސް ބުރޫއެރުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ފޮރިން މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފަ އެވެ.