17 Feb 2012, 13:41
ޤާހިރާ (ފެބްރުއަރީ 17) : އިސްރާއީލުން މިސްރާ އެކު ސޮއިކޮށްފައިވާ ކޭމްޕް ޑޭވިޑް ސުލްހައިގެ މުޢާހަދާ އަލުން މުރާޖަޢާ ކުރަން ޖެހިދާނެ ކަމުގެ އިންޒާރު މިސްރުގެ އެންމެ ނުފޫޒު ގަދަ ސިޔާސީ ޖަމާއަތް ކަމަށްވާ އިޚްވާނުލްމުސްލިމީން ޖަމާއަތުން ބުނެފި އެވެ.
އިސްލާމީ ޚިޔާލުގެ މިޖަމާއަތުން އުފައްދާފައިވާ ސިޔާސީ ޕާޓީ ކަމަށްވާ ފްރީޑަމް އެންޑް ޑިވެލޮޕްމެންޓް ޕާޓީގެ ރައީސް މުޙައްމަދު މަރްސާ ވިދާޅުވި ގޮތުގައި މިސްރުގެ ޤައުމީ މަސްލަޙަތާ އެއްގޮތަށް އެމުޢާހަދާ އަލުން މުރާޖަޢާ ކުރުމުގެ ޙައްޤު މިސްރަށް ލިބިގެންވާ ކަމަށާއި މިކަމާ މެދު މިސްރު ވިސްނަމުންދާ ކަމުގަ އެވެ.
މިސްރުގެ ޕާލަމެންޓްގެ އަޣްލަބިއްޔަތު ލިބިފައިވާ އިޚްވާނުލްމުސްލިމީން ޖަމާއަތުން މިހެންބުނީ މިސްރަށް އެމެރިކާ އިން ކޮންމެ އަހަރަކުދޭ 1.3 ބިލިޔަން އެމެރިކާ ޑޮލަރުގެ އެހީ ކަނޑާލަން ޖެހިދާނެ ކަމުގެ އިންޒާރު އެމެރިކާ ދިނުމާ ގުޅިގެންނެވެ. އިސްރާއީލުން މިސްރާ އެކު ސޮއިކޮށްފައިވާ ކޭމްޕް ޑޭވިޑް ސުލްހައިގެ މުޢާހަދާ އަލުން މުރާޖަޢާ ކުރަން ޖެހިދާނެކަމުގެ އިންޒާރު މިސްރުން ދިނުމަކީ އެމެރިކާއަށް ކެތްކުރެވޭވަރުގެ ކަމަކަށް ނުވާނެ ކަމަށާ މި އިންޒާރުގެ ސަބަބުން އެހީ ކަނޑާލުމުގެ މައްސަލާގައި ދެ ވަނަ ވިސްނުމަކަށް ދިޔުމަށް އެމެރިކާ އަށް މަޖްބޫރުވެގެންދާނެ ކަމަށް މުރާސިލުން ބުނެ އެވެ.
ކޭމްޕް ޑޭވިޑް މުޢާހަދާގެ ދަށުން އަހަރަކު 1.3 ބިލިޔަން ޑޮަލަރުގެ އެހީއެއް މިސްރަށް ދިނުމަށް އެމެރިކާ ވަނީ އެއްބަސްވެފަ އެވެ. މިއެހީ ކަނޑާލަން ޖެހިދާނެ ކަމުގެ އިންޒާރު އެމެރިކާ ދިނީ މިސްރުގައި ޙަރަކާތްތެރިވާ އެމެރިކާގެ ބައެއް މަދަނީ ޖަމްޢިއްޔާތަކަށާއި މިސްރުގެ ބައެއް މަދަނީ ޖަމްޢިއްޔާތަކަށް ފައިސާގެ އެހީދީގެން މިސްރުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެ ނުފޫޒު ހިންގުމަށް އެމެރިކާ ކުރި މަސައްކަތް ބޭޒާރުވެ މީގެތެރެއިން ބައެއް ޖަމްޢިއްޔާތަކުގެ އިސްފަރާތްތަށް ހައްޔަރުކޮށް އަނެއްބައި ފަރާތްތަކާދެކޮޅަށް މިސްރުގެ ކޯޓުތަކުގައި ދަޢްވާއުފުލުމާ ގުޅިގެންނެވެ.
އެމެރިކާ ފަދަ ހުޅަނގުގެ ޤައުމުތަކުން ފައިސާގެ އެހީދޭ މަދަނީ ޖަމްޢިއްޔާތަކުން ގެންދަނީ ޑިމޮކްރަސީ ޕްރޮމޯޓް ކުރުމުގެ ނަމުގައި މިސްރުގެ ދީނީ އެއްބައިވަންތަކަން ނަގާލައި ހުޅަނގުގެ ލާދީނީ އަދި ޣައިރު އަޚްލާޤީ މުޑުދާރު ގޮތްތައް މިސްރަށް ތަޢާރަފްކޮށް މިސްރުގައި ދާޚިލީ ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރަމުން ކަމަށް މިސްރު ސަރުކާރުން ތުހުމަތު ކުރެ އެވެ. (އަލްޖަޒީރާ)