ކާބުލް (ފެބްރުއަރީ 17) : އަފްޣާން ސަރުކާރާ އެކު ތާލިބާން ޖަމާއަތުން ސުލްހައިގެ ވާހަކަތައް ދައްކަމުން ގެންދާކަމަށް ވިދާޅުވެ އަފްޣާނިސްތާނުގެ ރައީސް ޙާމިދު ކަރުޒާއި ދެއްކެވި ވާހަކަތައް އެޖަމާއަތުން ދޮގުކޮށްފި އެވެ.
މިކަން ދޮގުކުރައްވަމުން ތާލިބާނުން ތަރްޖަމާން ޒަބީޙުﷲ މުޖާހިދު ވިދާޅުވީ ކަރުޒާއިގެ ސަރުކާރަކީ އެމެރިކާއާއި ހުޅަނގުގެ އެހެން އިސްތިޢްމާރީ ބާރުތަކުގެ ގޮނޑިކޮށްކޮ އެއްކަމަށާއި ގޮނޑިކޮށްކޮ ސަރުކާރަކާ އެކު ތާލިބާނުން ދުވަހަކު ވެސް ސުލްޙައިގެ ވާހަކަތައް ނުދައްކާ ކަމަށާ އަދި ނުވެސް ދައްކާނެ ކަމުގަ އެވެ.

އިންޓަނެޓްގައިވާ ތާލިބާނުންގެ ވެބްސައިޓެއްގައި ޒަބީހުﷲ ވިދާޅުވެފައި ވަނީ ފަހަރުގައި ތާލިބާން ޖަމާއަތަށް ނިސްބަތްވާ ވަކިފަރުދަކު ކަރުޒާއިގެ ގޮނޑިކޮށްކޮ ސަރުކާރާ އެކު ވާހަކަތަކެއް ދައްކަފާނެ ކަމަށާއި ނަމަވެސް އެއީ އެޖަމާއަތުން ދެއްކި ވާހަކައަކަށް އަދި އެޖަމާއަތް ތަމްސީލް ކުރާމީހަކަށްވެސް ނުވާނެކަމުގަ އެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން ކަރުޒާއިގެ ގޮނޑިކޮށްކޮ ސަރުކާރާ އެކު ސުލްޙައިގެ ވާހަކަދައްކާ ކޮންމެ މީހަކީ ތާލިބާން ޖަމާއަތަށް ނިސްބަތްވާ މީހެއް ކަމަށް ވިޔަސް އެމީހަކީ ދައްޖާލެއް ކަމަށް ޒަބީޙު ﷲ ސިފަކުރެއްވި އެވެ. އަދި އަފްޣާނިސްތާނަށް އަރައިގަނެގެންއުޅޭ ހުޅަނގުގެ އިސްތިޢްމާރީ ބާރުތަކާއެކު ސުލްޙައިގެ ވާހަކަތައް ދެކެވޭނީ ވެސް އެބާރުތައް އަފްޣާނިސްތާނުން ފޭބުމުން ކަމަށް ޒަބީޙުﷲ ވިދާޅުވި އެވެ.

އެމެރިކާ އާއި އަފްޣާން ސަރުކާރުން ތާލިބާން ޖަމާއަތާ އެކު ސުލްޙައިގެ ވާހަކަތަކެއް ދައްކައިފިކަން އަފްޣާނިސްތާނުގެ ރައީސް ޙާމިދު ކަރުޒާއި ހާމަކުރައްވާފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ.

އެމެރިކާގެ ވޯލްސްޓްރީޓް ޖޯނަލް އަށް ދެއްވި ބަސްދީ ގަތުމެއްގައި ކަރުޒާއި ވިދާޅުވެފައި ވަނީ އެމެރިކާ އާއި އަފްޣާން ސަރުކާރުން ތާލިބާން ޖަމާއަތާ އެކު ސުލްޙައިގެ ވާހަކަތަކެއް ދައްކައިފި ކަމަށާއި މިއީ އަފްޣާނިސްތާނަށް ސުލްހަގެނައުމުގެ ޕްލޭންގެ ދަށުން ބޭއްވި ވާހަކަތަކެއް ކަމުގަ އެވެ. ނަމަވެސް ވާހަކަތައް ބޭއްވި ތަނަކާއި ވާހަކަތައް ހިނގައިދިޔަ ގޮތާއި އޭގެނަތީޖާ ކަރުޒާއި ހާމަކުރައްވާފައެއް ނުވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާ އާއި އަފްޣާން ސަރުކާރުން ތާލިބާނަށް ނިސްބަތްވާ ބައެއް ފަރާތްތަކާ އެކު ސުލްޙައިގެ ވާހަކަތަކެއް ދައްކާފައި ވަނީ ސަޢޫދީ ސަރުކާރުގެ ބެލުމުގެ ދަށުން ރިޔާޒްގަ އެވެ. މިވާހަކަތައް ބާއްވާފައި ވަނީ މިހަފްތާގެ ކުރީކޮޅުގައި ކަމަށާއި ތާލިބާނުންނާ އެކު ބާއްވާ ސުލްހައިގެ ވާހަކަތައް ކުރިޔަށް ގެންދިޔުމުގެ ޝަރުތެއްގެ ގޮތުން ގުއަންޓެނަމޯ ޖަލުގައި ތިބި ތާލިބާން ހަނގުރާމަވެރިން މިނިވަން ކުރުމަށް އެޖަމާއަތުން އެދިފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ. (އަލްޖަޒީރާ)