ރާއްޖެއިން ބޭރުން އަންނަ ފަރާތްތަކުން ކަރަންޓީންވުމަށް ހޮޓެލް، ގެސްޓްހައުސް ފަދަ ތަންތަން ހަމަޖެއްސުމަށް ބޭނުންވާތީ، އެކަމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް ހެލްތު މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

ހެލްތު މިނިސްޓްރީން ބުނީ ބޭރުން އަންނަ ފަރާތްތަކުން ކަރަންޓީންވުމަށް ހޮޓެލް، ގެސްޓްހައުސް ފަދަ ތަންތަން ހަމަޖެއްސުމަށް ޝައުގުވެރިވާ ފަރާތްތަކަށް މަދަމާއިން ފެށިގެން ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00ން 14:00 އާއި ދޭތެރޭ ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (ދަރުބާރުގެ) އަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅޭނެ ކަމަށެވެ.

މިކަމާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންނަމަ[email protected]އަށް މެއިލް ކުރުމަށް ހެލްތު މިނިސްޓްރީން ވަނީ އެދިފައެވެ.

ކޮވިޑް 19 އާ ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ދިން ލުއިތަކާއެކު ދެކުނު އޭޝިއާ ގައުމުތަކުގެ ވޯކް ޕާމިޓް ހޯލްޑަރުންނަށް ޝަރުތުތަކަކާ އެކު ރާއްޖެ އާދެވޭ ގޮތައް ސަރުކާރުން މިހާރު ވަނީ ހަމަޖައްސާފައެވެ. އެމީހުންނަށް ރާއްޖެ އާދެެވޭނީ ހާއްސަ އުސޫލުތަކެއްގެ މަތިންނެވެ.

އެގޮތުގެ މަތިން އަންނަ ދެކުނު އޭޝިއާ ސަރަހައްދުގެ ވޯކް ޕާމިޓް ހޯލްޑަރުން ރާއްޖެ އައުމަށްފަހު ކަރަންޓީނުގެ މުއްދަތެއް ފުރިހަމަކުރަން ޖެހޭނެއެވެ.