ކުއާލަލަންޕޫރު (ޖުލައި 4): މެލޭޝިއާގައި އަދިވެސް ކޮވިޑް-19 ކޮންޓްރޯލް ނުކުރެވި މަރުވާ މީހުންގެ އަދަދުތައް މައްޗަށް ދާތީ ވެރިރަށް ކުއާލަލަމްޕޫރާއި ސެލަންގޯރ ސްޓޭޓުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފިއެވެ.

މެލޭޝިއާގެ ސިއްހަތާބެހޭ ވުޒާރާއިން ބުނީ ކޮވިޑް ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތައް ބައެއް ސްޓޭޓްތަކުގައި ކާމިޔާބު ނަމަވެސް އަނެއްބައި ސްޓޭޓްތަކުގައި ނާކާމިޔާބު ކަމުގައެވެ. ނާކާމިޔާބު ސްޓޭޓްތަކުގެ ތެރޭގައި ކުއާލަލަމްޕޫރާއި ސެލަންގޯ ހިމެނެއެވެ. މެލޭޝިއާގައި ކޮންމެ ދުވަހަކު ކުރަމުންގެންދާ ކޮވިޑް ޓެސްޓްތަކުގެ ނަތީޖާއަށް ބަލާއިރު ކޮވިޑްއަށް އެންމެ ގިނަބަޔަކު އިންފެކްޓް ވަނީ ވެރިރަށް ކުއާލަލަމްޕޫރާއި ސެލަންގޯއިންނެވެ.

މި ދެ ސްޓޭޓްގައި ރައްކާތެރިކަން އިތުރަށް ވަރުގަދަ ކުރުމަށް އެޅި ފިޔަވަޅުތަކުގެ ދަށުން ހުޅުވުމުގެ ހުއްދަ މިހާރު ދީފައިވަނީ ކާބޯތަކެތީގެ އަސާސީ ބާވަތްތައް ވިއްކާ ފިހާރަތަކާއި ދުވަހުން ދުވަހަށް ބޭނުންކުރާ ޒަރޫރީ ތަކެތި އުފައްދާ ކާރުޚާނާތަށް އެކަންޏެވެ. އެނޫން ހުރިހާ ތަންތަނެއްވަނީ ބަންދުކޮށްފައެވެ. ފިޔަވަޅުތައް ހަރުކަށި ކުރުމުގެ ކުރިން ހުރިހާ ބާވަތެއްގެ ވިޔަފާރިތަށްވެސް ހުޅުވާފައި ބެހެއްޓެއެވެ. މި ދެ ސްޓޭޓްގައި ފިޔަވަޅުތައް ހަރުކަށިކުރީ ދެހަފްތާގެ މުއްދަތަށެވެ.

މެލޭޝިޔާގައި މިހާތަނަށް ގާތްގަނޑަކަށް 800,000 މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު ފަސްހާހަށްވުރެ ގިނަމީހުންވަނީ އެ ބަލީގައި މަރުވެފައެވެ. މިހާރުވެސް ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 6,000 މީހުން މެލޭޝިއާގައި ކޮވިޑަށް ޕޮޒިޓިވް ވެއެވެ. އަދި އެވްރެޖްކޮށް 70 އާއި 80 އާ ދެމެދުގެ އަދަދެއްގެ މީހުން 24 ގަޑީއިރު ތެރޭގައި އެބަލީގައި މަރުވެއެވެ.

މެލޭޝިއާގައި ކޮވިޑް ކޮންޓްރޯލް ނުވެ އެ ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވާން ފެށީ އިންޑިއަން ވޭރިއަންޓް (ޑެލްޓާ ވޭރިއަންޓް) އެގައުމުން ފެނުމާއެކު މިދިޔަ މެއި މަހުގެ ތެރޭގައެވެ. މިއާއެކު މިދިޔަ މޭމަހުގެ 12 ވަނަ ދުވަހު މެލޭޝިއާ އެއްކޮށްވަނީ ފުރަބަންދުކޮށްފައެވެ.

ނަމަވެސް މިކަމުގެ ސަބަބުން މެލޭޝިއާގެ އިގްތިސާދަށް ކުރާ ނޭދެވޭ އަސަރުތައް އިންތިހާއަށް ބޮޑުވުމާއި ކުދި ވިޔަފާރިތައް އިނދަޖެހޭ ގޮތް ދިމާވެ އެތަށް ބަޔަކު ހާލުގައި ޖެހޭތީ އިގްތިސާދީ ހަރަކާތްތައް ކުރިޔަށްގެންދިޔުމުގެ ހުއްދަ ފަހުން ދިނެވެ. ނަމަވެސް އެއާއެކު އަނެއްކާވެސް ކޮވިޑްގެ އަދަދުތައް މައްޗަށް ދާން ފެށުމުން ޖޫން މަހުން ފެށިގެން އިގްތިސާދީ ހަރަކާތްތަކުގެ ބޮޑުބައި އަނެއްކާވެސް ވަނީ ހުއްޓުވާލާފައެވެ.