04 Jul 2021, 11:24
މަރާލާފައި އޮއްވާ ފެނުނު 13 އަހަރުގެ ކުޑަކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އަދިވެސް ނުފޮނުވޭކަމަށް ފުލުހުން ބުނެފިއެވެ.
ރަހީނުކޮށް މަރާލުމަށްފަހު ފޮށްޓަކަށްލައި އެއްލާލާފައި އޮއްވައި ހުޅުމާލެ ފޭސްގެ މޫދުން އެ ކުއްޖާގެ ހަށިގަނޑު ފެނުނީ މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
އެ ކުއްޖާގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހެދުމަށް މިދިޔަ ހަފްތާގެ ތެރޭގައި އިންޑިއާއަށް ފޮނުވޭނެކަމަށް ފުލުހުން ބުނީ ޖޫން 27 ވަނަ ދުވަހުއެވެ. އެހެންނަމަވެސް ބުނި މުއްދަތު ފާއިތުވެގެން ދިޔަ އިރުވެސް އެކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފޮނުވިފައެއް ނުވެއެވެ.
މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ ޕޮސްޓްމޯޓަމް ހެދުމަށް ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ކުރަމުންދާ ކަމަށެވެ.
ހަށިގަނޑު ނުފޮނުވި ލަސްވަނީ އެކަމަކަކީ ރާއްޖެއިން ބޭރުން ކުރަންޖެހޭ ކަމަކަށް ވެފައި އެކަމުގައި ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށް ވަގުތު ނަގާތީ ކަމަށެވެ. އަދި ކޮވިޑުގެ ހާލަތާ ގުޅިގެންވެސް އުނދަގޫތަކެއް ހުރިކަމަށް ވިދާޅުވިއެވެ.
އެހެންނަމަވެސް ވީހާވެސް އަވަހަށް ޕޯސްޓްމޯޓަމް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
13 އަހަރުގެ ކުއްޖާ މަރާލާފައި އޮއްވައި ފެނުނީ އެ ކުއްޖާ ރަހީނުކޮށްގެން އުޅޭ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބި އެ ކުއްޖާ ހޯދުމަށް މަސައްކަތް ކުރަމުން ދަނިކޮށެވެ. އެކުއްޖާގެ ހަށިގަނޑު ފެނުނު އިރުވެސް ގިނަ ޒަހަމްތަކެއް ވަނީ ވެފައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ 27 އަހަރުގެ ފިރިހެނަކާއި 17 އަހަރުގެ ކުއްޖަކު މިހާތަނަށް ހައްޔަރުކޮށްފަ އެވެ. އުމުރުން 27 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައިވާއިރު 17 އަހަރުގެ ކުއްޖާ ހުރީ 15 ދުވަހަށް ބަންދުގަ އެވެ.