16 Feb 2012, 20:59
ރިޔާސީ އިންތިހާބު އޮންނަ މުއްދަތުގެ ކުރިން ރިޔާސީ އިންތިހާބެއް ބޭއްވުމަށް ސިޔާސީ ޕާޓީތަކުން އެއްބަސްވާ ނަމަ އެކަމަށް ޖާގަ ދިނުމަށް ކުރަން ޖެހޭ ކަންތައްތައް ކުރުމަށް ސަރުކާރުން ތައްޔާރަށް އޮތް ކަމަށާއި ނަމަވެސް އިންތިހާބު ބާއްވާ ދުވަސް އަވަސް ކުރާ ނަމަ، ގާނޫނު އަސާސީ އިސްލާހު ކުރަން ޖެހޭނެ ކަމަށް ދައުލަތުގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރު މިރޭ ވިދާޅުވެއްޖެ އެވެ.
މިރޭ ރައީސް އޮފީހުގައި "ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރުގެ މަގުޗާޓާ" ގުޅޭ މައުލޫމާތު ދެއްވުމަށް ބޭއްވި ޕްރެސް ކޮންފަރެންސްގައި އާޒިމާ ވިދާޅުވީ ހުރިހާ ސިޔާސީ ޕާޓީތަކުން ވެސް އިންތިހާބު އަވަސް ކުރުމާ މެދު މަޝްވަރާ ކުރުމަށް ސިޔާސީ ޕާޓީތަކަށް ވަނީ އެކަމަނާ ދައުވަތު ދެއްވާފައިވާ ކަމަށެވެ.
"ސަރުކާރުން ރިޔާސީ އިންތިހާބުގައި ބައިވެރިވާނެ ހުރިހާ ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާތަކެއް ފައްޓަވާނެ. މިހާރު މިއޮތް ގާނޫނު އަސާސީގެ ދަށުން 2013 ގެކުރިން ވެސް އިންތިހާބެއް ބޭއްވުމަށް ހުރިހާ ޕާޓީތަކަކަށް އެއްބަސްވުމަކަށް އަތުވެއްޖެ ނަމަ ސަރުކާރުން ތައްޔާރަށް އޮތް ވާހަކަ ދަންނަވަން،" ބަންޑާރަ ނައިބު ވިދާޅުވި އެވެ.
އާޒިމާ ވިދާޅުވީ ރިޔާސީ އިންތިހާބެއް ބޭއްވޭނީ ގާނޫނު އަސާސީ އަށް އިސްލާހުތަކެއް ގެނެސްގެން ކަމަށް ގަބޫލު ކުރެވޭ ކަމަށާއި އެކަން ކުރަން ހުރިހާ ސިޔާސީ ޕާޓީތަކަށް މަޝްވަރާ ކުރެވި އެއްބަސްވެވިއްޖެ ނަމަ ރޯޑުމެޕެއްގެ ދަށުން އެކަން ކުރިއަށް ގެންދަން ސަރުކާރު އޮތީ ތައްޔާރަށް ކަމަށެވެ. އާޒިމާ ވިދާޅުވީ ގާނޫނު އަސާސީގައި މިހާރު ބުނެފައިވާ ގޮތުން އިންތިހާބެއް ބޭއްވޭނީ ރައީސުލްޖުމުހުރިއްޔާ އާއި ރައީސުލްޖުމުހޫރިއްޔާގެ ނައިބުގެ މަގާމު އެއްފަހާރަ ހުސްވެގެން ރައްޔިތުންގެ މަޖިލިހުގެ ރައީސް "ޑިފެކްޓޯކޮށް" ދައުލަތުގެ އެންމެ އިސްވެރިޔާކަމުގެ މަގާމާ ހަވާލުވެގެން ކަމަށާ އެގޮތް ނޫން ގޮތަކަށް ގާނޫނަށް އިސްލާހު ނުގެނެސް އިންތިހާބެއް ބައްވައިގެން ފަސް އަހަރުގެ ޓާމެއް ހަމަކުރެވިދާނެ ކަމަށް އެކަމަނާ ގަބޫލު ނުކުރަށްވާ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރަނީ ފުރިހަމަ އިންތިހާބެއް ބާއްވާ ފަސް އަހަރުގެ ދައުރެއް ލިބިގަނެވޭނީ ގާނޫނު އަސާސީ އިސްލާހުކޮށްގެން."
ބަންޑާރަ ނައިބު ވިދާޅުވީ ރައީސް މުހައްމަދު ވަހީދު މިހާރު އެކުލަވާލާފައިވާ ސަރުކާރަކީ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް ކަމަށާއި ގައުމުގެ އަމަން އަމާން ކަމާއި ސުލްހަ މަސްލަސްކަން ދެމެހެއްޓުމަށް ޓަކައި ގައުމުގެ ހުރިހާ ރައްޔިތުންގެ އެއްބައިވަންތަކަން ހިމެނުމުގެ ގޮތުން ސަރުކާރުން މިރޭ ހުށައެޅި މަގުޗާޓު ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ.
ރާއްޖޭގެ ޑިމޮކުރަސީ ހަރުދަނާ ކުރުމާއި ރާއްޖޭގެ ތަރައްގީއާ ގުޅޭ ގޮތުން 24 ނުކުތާގެ މައްޗަށް ހިމެނޭ މަގުޗާޓުގައި ހިއުމަން ރައީޓުސް ކުރިއަށް ގެންދިއުމާއި އިންސާނީ ހައްގުތަކާއި ގާނޫނުގެ ވެރިކަން ނެގެހެއްޓުމާއި ގަނޫނު އަސާސީގެ ސިޔާދަތުދެމެހެއްޓުމާއި ރާއްޖޭގެ އިގްތިސާދަށް ގެއްލުން ނުވާ ގޮތުގެ މަތިން ރާއްޖޭގެ ތަރައްގީ ބައްޓަން ކުރުމަށް ވަނީ ކަނޑައަޅާފަ އެވެ.
އާޒިމާ ވިދާޅުވީ މަގުޗާޓުގައި ހިމެނޭ މުހިންމު ކަންކަމުގެ ތެރޭގައި ގަނޫނު އަސާސީގެ ސިޔާދަތު ނެގެހެއްޓުމަށް މުހިންމު ކަންތައްތަކުގެ ތެރޭގައި ފަނޑިޔާރުގެ މިނވަން ކުރުމާއި ފަނޑިޔާރުގެ އަށް ދޭންޖެހޭ އެއްބަރާލުމާއި އެހީތެރިކަން ދިނުމުގެ އިތުރުން ޑިމޮކްރަސީ ހަރުދަނާ ކުރުމާއި އިންސާނީ ހައްގުތައް ރައްކާތެރިކުރުމާއި ޖުޑީޝަލް ސާވިސްކޮމިޝަން އިތުރަށް ހަރުދަނާ ކުރުމަށް ކުރަން ޖެހޭ މަސައްކަތުގެ އިތުރަށް ދައުލަތުގެ މިނިވަން މުސްތަގިއްލު މުއައްސަސާތައް ނަގައި ކޮޅަށްޖަހައި އެ މުއައްސަސާތައް ދުސްތޫރީގޮތުން ބާރުވެރިކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ވެސް ހިމެނޭ ކަމަށެވެ.
"މިމަގުޗާޓުގައި ހިމެނޭ ކަންކަން ކަނޑއެޅިގެން ވަކި މުދަތުގައި ނިމޭނެ ކަމަށް ދަންނަވާކަން އެއްވެސް މީހަކަށް ކެރޭނެހެނެއް ހިޔެއްނުވޭ. ރައީސްގެ އަމިއްލަ އިސްނެންގެވުމެއްގެ މަތިން މަގުޗާޓާއި ގުޅުން ހުރި ކަންކަމާގުޅޭ ގޮތުން މަޝްވަރާކުރުމަށް ހުރިހާ ސިޔާސީ ޕާޓީތަކަށް ދައުވަތު އަރުވާނެ،"
އާޒިމާ ވިދާޅުވީ މަގުޗާޓުގައި ހިމެނޭ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ޓަކައި ރައުންޑު ޓޭބަލް ކޮންފަރެންސަކަށް ގޮވާލައި އެ މަސައްކަތްތައް އެހީތެރިވުމުގެ ދައުވަތު އ.ދގެ އެކި އެޖެންސީތަކާއި ކޮނަމްވެލްތުގެ ސެކްރެޓަރީ ޖަނެރަލަށް ވެސް އަރުވާނެ ކަމަށެވެ.