04 Jul 2021, 10:28
ގދ.ތިނަދޫގައި ކޮވިޑް-19 ކޮންޓްރޯލުނުވެ ފެތުރެމުންދާތީ ހައުސްހޯލްޑު ޕާމިޓުގެ ދަށުން ކޮންމެ ގެއަކަށް ހަފްތާއަކު އެއް ދުވަހު ބޭރަށް ދެވޭގޮތަށް އޮތް އޮތުން އުވާލައި ރަށުގައި 24 ގަޑިއިރު ކާފިއު ހިންގަން ނިންމައިފިއެވެ.
މިދިޔަ މަހުގެ ފަހުކޮޅު ތިނަދޫގައި ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށް، ހައުސްހޯލްޑް ޕާމިޓްގެ ދަށުން ކޮންމެ ގޭބީސީއަކުންވެސް އެކަކު، ހަފްތައަކު އެއް ދުވަހު އެއްގަޑިއިރަށް ބޭރަށް ދިޔުމަށް ހުއްދަދިނުމަށް ރަށު ކައުންސިލުން ނިންމީ ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅާފައި ހުރި ފިޔަވަޅުތަކުން ކޭސްތަކުގެ އަދަދު ދަށްނުވުމުގެ ސަބަބުންނެވެ.
ތިނަދޫ ކައުންސިލުން ރޭ ކުރި އިއުލާނެއްގައި ވަނީ އޭރު އެޅި ހަރުކަށި ފިޔަވަޅުތަކާ އެކުވެސް ކޮވިޑުގެ ބަލިމަޑުކަން ފެތުރި ރަށުގެ ހާލަތު ރަގަނޅުނުވެ ކޮމިޔުނިޓީ ސްޕްރެޑަކަށް ބަދަލުވެފައިވާ ކަމަށެވެ. އެހެންކަމުން 24 ގަޑިއިރު ހިންގާ ކާފިއުގެ ވަގުތު އަނެއްކާ ވެސް ހަތް ދުވަހުގެ މުއްދަތަށް ވަނީ އިތުރުކޮށްފަ އެވެ.
އެގޮތުން މިދިޔަ ޖޫން މަހުގެ ބޭއްވި ތިނަދޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ބައްދަލުވުމުން ކުރިން ނިންމާފައިވާ ނިންމުންތަކަށް ބަދަލު ގެނެސް، ކޮންމެ ގެއަކަށް ދޫކޮށްފައިވާ ހައުސް ހޯލްޑް ޕާމިޓް އެއް ހަފްތާ މުއްދަތަށް ކެންސަލްކުރުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.
ތިނަދޫގައި އަޅާފައިވާ ފިޔަވަޅުތަކަށް ގެނައި އިސްލާހުތައް:
1. ކަސްރަތު ކުރުމަށް ކުރިން ދީފައިވާ ގަޑިތައް ހުއްޓާލުން
2. އެޗްޕީއޭއިން އަންގާފައިވާ ގޮތަށް ސަރުކާރު އިދާރާތަކުންދޭ ޒަރޫރީ ބޭނުންތަކަށް އޮފީސްތަކަށް ދުރުވާންޖެހޭ އެންމެ މަދު މުވައްޒަފުން ބޭނުންކޮށްގެން ހިދުތްދިނުން.
3. އަމިއްލަ ކާރުތަކުގެ ދަތުރުތައް ހުއްޓާލުން
4. ފުލުހުންދޭ ޓައިމް ބައުންޑް ޕާމިޓް ނެތް ފަރާތްތަކަށް ޓެކްސީގެ ހިދުމަތްދޭ ކާރުތަކުން ހިދުމަތް ނުދިނުން. އަދި އެފަދަ ހުއްދަނެތި
ހިދުމަތް ދޭ ޓެކްސީތަކުގެ ހުއްދަ އެއް ހަފްތާގެ މުއްދަތަށް ހިފެހެއްޓުން
5. ފިހާރަތަތަކުގެ ހިދުމަތް ހެނދުނު 08:00 އިން ރޭގަނޑު 21:00 އަށް ޑެލިވަރީއަށް ބަދަލުކުރުމާއި ކަސްޓަމަރުން ވައްދައިގެން ހިދުމަތްދިނުން ހުއްޓާލުން. އަދި ކަސްޓަމަރުން ވައްދައިގެން ހިދުމަތްދޭ ތަންތަނުގެ ހުއްދަތައް އެއް ހަފްތާ މުއްދަތަށް ހިފަހެއްޓުން. އަދި ޑެލިވަރީ ގަޑިތައް ފިޔަވައި އެހެން ގަޑިތަކުގައި ޑެލިވަރީ ފާސް ބޭނުންކޮށްގެން ބޭރުގައި އުޅޭފަރާތްތަކުގެ ފާސްތައް ކެންސަލް ކުރުން.
6. ހޮޓާ އަދި ރެސްޓޯރަންޓް ތަކުގެ ހިދުމަތް ހެނދުނު 08:00 އިން ރޭގަނޑު 22:00 އަށް ޑެލިވަރީއަށް ބަދަލުކުރުމާއި ކަސްޓަމަރުން ވައްދައިގެން ހިދުމަތްދިނުން ހުއްޓާލުން. އަދި ކަސްޓަމަރުން ވައްދައިގެން ހިދުމަތްދޭ ތަންތަނުގެ ހުއްދަތައް އެއް ހަފްތާ މުއްދަތަށް ހިފަހެއްޓުން. އަދި ޑެލިވަރީ ގަޑިތައް ފިޔަވައި އެހެން ގަޑިތަކުގައި ޑެލިވަރީ ފާސް ބޭނުންކޮށްގެން ބޭރުގައި އުޅޭފަރާތްތަކުގެ ފާސްތައް ކެންސަލް ކުރުން.
7. ކަނޑު މަސްވެރިކަން ކުރާ ދޯނިފަހަރުތައް މަހަށް ފުރުމަށްފަހު އެބުރި ރަށަށްއައިނަމަވެސް ރަށަށް ނުފޭބުން. އަދި އެނޫން މަސްވެރިކަން އެއް ހަފްތާ މުއްދަތަށް ހުއްޓާލުން
8. ސަރުކާރުން ހުއްދަ ދީފައިނުވާ އެންމެހާ މަސައްކަތްތައް އެއް ހަފްތާ މުއްދަތަށް ހުއްޓާލުން.
ކޮވިޑް ކޮންޓްރޯލުކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށް ތިނަދޫއަށް ދިމާވެފައިވާ ކޮވިޑްގެ ހާލަތުން އަރައިގަތުމަށް އާންމުންގެ އެއްބާރުލުން ކުރިއަށްވުރެ ބޮޑަށް ދިނުމަށް ކައުންސިލުން ވަނީ އެދިފައެވެ.
އޭގެ އިތުރުން ހެލްތް ޕްރޮޓެކްޝަން އެޖެންސީއާއި ރަށު ކައުންސިލުން އަޅާފައިވާ ފިޔަވަޅުތަކަށް ބޯލަބައި ކިޔަމަންވުމަށް ކައުންސިލުން ވަނީ އަންގާފައެވެ.