16 Feb 2012, 20:11
"އިންސާފުގެ ދަތުރު"ގެ ނަމުގައި އެމްޑީޕީން މާދަމާ ބާއްވާ މުޒާހަރާއަކީ ނުރައްކާތެރި ކަމެއްގެ ގޮތުގައި ނުދެކޭ ކަމަށާއި އެ މުޒާހަރާ ސުލްހަވެރި ކަމާ އެކު ކުރާނެ ކަމަށް އުންމީދު ކުރާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
"އަޅުގަނޑުމެން އެއްވެސް ގޮތަކަށް ނުރައްކާތެރި އެއްޗެއް [މުޒާހަރާއެއް] ގޮތުގައި ސިފައެއް ނުކުރަން. އަޅުގަނޑުމެން އުންމީދުކުރަނީ އަދި ޔަގީން ކުރަނީ ސުލްހަވެރި މުޒާހަރާއެއްގެގޮތުގައި ކުރިއަށް ގެންދާނެ ކަމަށް،" އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަން އިން ދެންނެވި ސުވާލެއްގެ ޖަވާބުގައި އެސިސްޓެންޓް ކޮމިޝަނަރު އަލީ ރަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މުޒާހަރާ ކުރާ ހުރިހާ ފަރާތްތަކުންވެސް ގާނޫނު އަސާސީގެ 27 ވަނަ މާއްދާގައި ބުނާ ހިޔާލުފާޅުކުރުމުގެ މިނިވަން ކަމުގެ ހުދުދޫން ބޭރުނުވެގެން ނުވާނެ ކަމަށާާއި ގާނޫނާ ގަވާއިދާ ހިލާފު އެއްވެސް އަމަލަކަށް ޖާގައެއް ނުދެވޭނެ ކަމަށެވެ.
"އަޅުގަނޑުމެން ޔަގީންކަން އަރުވަން ބޭނުންވަނީ މާލޭގެ ރައްކާތެރިކަން ދެމެހެއްޓުމާއި ބެލެހެއްޓުމުގައި ފުލުހުންނަށް ވެވުނު ވަރަކުން މަސައްކަތް ކުރާނަން،" ރަޝީދު ވިދާޅުވި އެވެ.
ފުލުހުން ބުނީ ގައުމީ ދިފާއީ ބާރުން މާދަމާ އޮންނާނީ ފުލުހުންގެ އެދިއްޖެ ހާލަތެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރީ ހާލަތުގައި ކަމަށެވެ.
އެމްޑީޕީ މުޒާހަރާ ފަށަން ވަގުތު ކުޑަތަންވަމުން އަންނަ އިރު އެމްޑީޕީން ބުނީ މާދަމާގެ މުޒާހަރާއަށް ރަށްރަށުންވެސް ގިނަ ބަޔަކު އައިސްފައިވާ ކަމަށާއި ރާއްޖޭގައި ނުބޭއްވޭވަރުގެ ބޮޑު އެއްވުމަކަށް މާދަމާގެ މުޒާހަރާ ވާނެ ކަމަށެވެ.