03 Jul 2021, 22:03
ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ގޮއްވާލާނެކަމުގެ އިންޒާރު ދިން މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން މީހަކު މިރޭ ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނި ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 42 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ސޯޝަލް މީޑިއާގައި އިންޑިއާ ހައިކޮމިޝަން ގޮއްވާލާނެކަމަށާއި ޗައިނާ އެމްބަސީ ކުރިމަތީގައި މުޒާހަރާ ކުރާނެކަމަށް އިންޒާރު ދީފައިވާތީ, ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނާއި ޗައިނާ އެމްބަސީއިން ފޮރިން މިނިސްޓްރީގައި އެދިގެން އެ ދެ މިޝަން ހުންނަ އިމާރާތްތަކުގެ ސެކިއުރިޓީ ވަނީ ވަރުގަދަކޮށްފައިވެއެވެ.
ފުލުހުން މިރޭ ބުނީ އިންޑިއާ ހައިކޮމިޝަން ގޮއްވާލާނެކަމަށް އިންޒާރު ދިން މީހާގެ މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
ފުލުހުން ނެރުނު ބަޔާނުގައި ބުނީ ސޯޝަލް މީޑިއާއާއި އެހެނިހެން ގޮތްގޮތުންވެސް މީހުންނަށް އަނިޔާވެރިވުމަށާއި މުދަލާއި ތަކެއްޗަށް ގެއްލުން ދިނުމަށް ގޮވާލުމާއި އެފަދަ އަމަލުތަކަށް ތަރުހީބު ދިނުމަކީ ޖިނާއީ ކުށެއް ކަމަށާއި އަދި އެފަދަ މައްސަލަތައް ފުލުހުން ތަހުގީގުކޮށް ފިޔަވަޅު އަޅާނެ ކަމަށެވެ.
މީގެ އިތުރުން ފުލުހުން ބުނީ ރާއްޖޭގައި ހުންނަ ބޭރު ގައުމުތަކުގެ މިޝަންތަކުގެ ރައްކާތެރިކަމަށާއި ގައުމުތަކާ ދެމެދު އޮންނަ ގުޅުމަށް ބުރޫއަރާ ގޮތަށް ކުރާ ކަންކަމަށް ހިތްވަރު ލިބޭ ގޮތަށާއި، އެކަންކަން ދިފާއުކޮށް ބައެއް އޮންލައިން ނޫސްތަކުން މައުލޫމާތު ފަތުރަމުންދާ ކަމަށާއި އެއީ ފުލުހުން ކަންބޮޑުވާ ކަމެއް ކަމަށެވެ.
"މިފަދަ ކަންކަމަކީ ދިވެހިރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުންނާއި ބޭރު މިޝަންތަކުގައި މަސައްކަތްކުރައްވާ ބޭފުޅުން ނުރައްކަލަށް ހުށަހެޅި, ހާރިޖީ ގުޅުންތަކާށް ބުރޫ އަރާފާނެ ފަދަ ނާޒުކު މައްސަލައެއް ކަމުގައި ވީ ހިނދު, މައުލޫމާތު ފެތުރުމުގައި މިހާރަށްވުރެ ޒިންމާދާރުވުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރަމެވެ. އޭގެ އިތުރުން ރާއްޖޭގައި ހުންނަ ބޭރު ގައުމުތަކުގެ މިޝަންތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާފާނެފަދަ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ނުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އަންގަމެވެ," ފުލުހުން މިރޭ ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.