03 Jul 2021, 21:25
ކޮވިޑް-19 އާ ގުޅިގެން ސަރުކާރާއި އަމިއްލަ އޮފީސްތައް ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް އޮފީސްތައް ހުޅުވައިގެން މަސައްކަތްކުރުމަށް ސަރުކާރުން ހުއްދަ ދީފިއެވެ.
މާލެ ސަރަހައްދުގައި ކޮވިޑް-19ގެ ހާލަތު އިންތިހާއަށް ގޯސްވެ ސަރުކާރު އޮފީސްތަކާއި އަމިއްލަ އޮފީސްތައް ބަންދުކޮށް މުއައްޒަފުން ގެއިން މަސައްކަތްކުރުމަށް ސަރުކާރުން އެންގީ މޭ ހަވަނަ ދުވަހުއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ މިރޭ ނެރުނު އިއުލާނެއްގައި ބުނީ އެ ނިންމުން ބާތިލުކޮށް ޖުލައި ހަތަރު ވަނަ ދުވަހުން ފެށިގެން ސަރުކާރާއި އަމިއްލަ އޮފީސްތައް ހުޅުވައިގެން މަސައްކަތްކުރުމަށް ހުއްދަދީފައިވާ ކަމަށެވެ.
އެހެންނަމަވެސް މުއައްޒަފުންނަށް ގޭގައި ތިބެގެން ކުރެވެން ހުރި މަސައްކަތެއް އެގޮތަށް ކުރުމަށް އިއުލާންގައި ވަނީ ބުނެފައެވެ. އަދި އެއްފަހަރާ އޮފީހަށް ނިކުމެ މަސައްކަތްކުރާ މުއައްޒަފުންގެ އަދަދު މަދު ކުރުމަށާއި ދަންފަޅިތަކަށް ބަހައިގެން މުއައްޒަފުން މަސައްކަތަށް ނެރުމަށް ވަނީ އިރުޝާދު ދީފައެވެ.
އޮފީސް މާހައުލުގައި މުއައްޒަފުން އުޅޭއިރުވެސް ގައިދުރުކުރުމާއި މާސްކް އެޅުންފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްވެސް އެ އިއުލާނުގައި ވަނީ އަންގައިފައެވެ. އަދި މުއައްޒަފުން އެކުގައި ސައި ބުއިމާއި ކެއުން ފަދަ ކަންކަން ނުކޮށް، ވަކި ވަކިން ގައިދުރުކަން ބަހައްޓައިގެން އުޅުމަށް ވަނީ އިރުޝާދު ދީފައެވެ.
އެޗްޕީއޭއިން ނެރުނު އިއުލާނުގައި ވަނީ ގިނަ މީހުން އެއްވެގެން ބާއްވާ ބައްދަލުވުންތައް އަދިވެސް އޮންލައިންކޮށް ކުރިޔަށް ގެންދިޔުމަށް އިރުޝާދު ދީފައެވެ. އަދި އެ އޮފީހަކުން އޮންލައިންކޮށް ދެވެން އޮތް ހިދުމަތެއް އޮންލައިންކޮށް ދިނުމަށާއި ވީހާވެސް ބޮޑަކަށް އޮންލައިންކޮށް ހިދުމަތް ދިނުމަށް ވަނީ ބުނެފައެވެ.
އޮފީސްތައް ހުޅުވައިގެން މަސައްކަތް ކުރުމަށް އެޗްޕީއޭއިން ހުއްދަ މިދިނީ މާލެ ސަރަހައްުގައި ކޮވިޑް ކޭސްތައް ކޮންމެވެސް ވަރަކަށް ކޮންޓްރޯލްވެ، ފިޔަވަޅުތަކަށް ސަރުކާރުން ލުއިދޭން ފަށާފައިވާ ދަނޑިވަޅެއްގައެވެ.