16 Feb 2012, 19:31
މިމަހުގެ އަށް ވަނަ ދުވަހު އެމްޑީޕީން އިސްނަގައިގެން މާލެ އާއި އަތޮޅުތަކުގައި ބޭއްވި މުޒާހަރާ ކޮންޓްރޯލުން ނެއްޓި ބަޔަކު ހިންގި ހަމަނުޖެހުންތަކުގައި މޯލްޑިވްސް ޕޮލިސް ސާވިސްއަށް ލިބުނު ގެއްލުން 112 މިލިއަން ރުފިޔާއަށް ވުރެ ގިނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މި މަހުގެ އަށް ވަނަ ދުވަހު ފުލުހުންނަށް ލިބުނު ގެއްލުމުގެ ތަފްސީލް ހާމަކުރައްވަމުން އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް އަލީ ރަޝީދު މިއަދު ވިދާޅުވީ ޕޮލިސް ސްޓޭޝަންތަކާއި އެތަންތަނުގައި ގެންގުޅޭ ފަރުނީޗަރު ފަދަ ތަކެއްޗާއި ވެހިކަލްތަކާއި އަދި ބިއްލޫރުފަދަ ތަކެއްޗަށް ލިބުނު ގެއްލުމުގެ ޖުމްލަ 112 މިލިއަން ތިން ލައްކަ 78904.64ރ. އަރާ ކަމަށެވެ.
http://sun.mv/albums/live_3991.jpg
"މިއީ ގައުމަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް ވަރަށް ބޮޑު ގެއްލުމެއް. މިއީ ހަމަ ރައްޔިތުންނަށް ލިބުނު ގެއްލުމެއް. އަޅުގަނޑު މިދަޑިވަޅުގައި ހުރިހާ ރައްޔިތުންނަށް ގޮވާލާނީ އަމަން އަމާންކަމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމުގައި އެންމެންވެސް އެއްބާރުލުން ދެއްވާށޭ،" އިސްކަންދަރު ކޮށީގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ރަޝީދު ވިދާޅުވި އެވެ.
ފުލުހުން މިއަދު ހާމަކުރި ގެއްލުމުގެ ތަފްސީލްތަކަށް ދާއިރު ޕޮލިސް ސްޓޭޝަންތަކަށް ލިބުނު ގެއްލުމުގެ އަގު 59 މިލިއަން ރުފިޔާއަށް ވުރެ ބޮޑެވެ. އަދި އެތަންތަނުގައި ހުރި ފަރުނީޗަރާއި ހިފާ ގެންގުޅޭ ސާމާނަށް 7 މިލިއަން ހަ ލައްކަ ރުފިޔާއަށްވުރެ ބޮޑު ގެއްލުމެއް ލިބުނެވެ.
http://sun.mv/albums/live_3993.jpg
އެދުވަހުގެ މުޒާހަރާގައި 200 އަށް ވުރެ ގިނަ ވެހިކަލްގައި ހުޅުޖަހާ އަންދާލިއިރު އެ ގެއްލުން 45 މިލިއަން ފަސް ލައްކަ ރުފިޔާއަށް އަރަ އެވެ. އެއީ ހަތަރު ފުރޮޅުލީ 73 ވެހިކަލަކާއި 12 ސައިކަލާއި އަދި 140 ބައިސްކަލެވެ.
މީގެ އިތުރުން ދެ ލޯންޗަކަށް ގެއްލުންވެ އަދި ލިބުނު އެހެންވެސް އިތުރު ގެއްލުމުގެ އަގު 93،000ރ އަރަ އެވެ.
http://sun.mv/albums/live_3988.jpg
އެސިސްޓެންޓް ކޮމިޝަނާ ރަޝީދު ވިދާޅުވީ އެތަންތަނަށް ގެއްލުންދިން މީހުންގެ މައްސަލަ މިހާރުވެސް ތަހުގީގުކޮށް ބަލަމުން އަންނަ ކަމަށާއި އެގޮތުން ފުލުހުންގެ ތަހުގީގަށް ބޭނުންވާ 133 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.
"އަދިވެސް ތަހުގީގު ކުރިއަށް މިދަނީ. އަޅުގަނޑުމެން މިކަން ތަހުގީގުކުރާނެ،" ރަޝީދު ވިދާޅުވި އެވެ.
ގިނަ ޕޮލިސް ސްޓޭޝަންތަކުގައި ރޯކޮށް ހުޅުޖަހައި ހެދި ކަމުގެ ތުހުމަތުގައި ބައެއް ކައުންސިލަރުންނާއި އަދި މަޖިލީހުގެ މެންބަރަކުވެސް ވަނީ ހައްޔަރުކޮށް ސުވާލުކޮށްފަ އެވެ. އޭގެތެރެއިން ބައެއް މީހުން މިހާރުވަނީ ގޭބަންދަށް ބަދަލުކޮށް އަނެއް ބަޔަކު ވަނީ ދޫވެސް ކޮށްލާފަ އެވެ.