ނ. މާފަރު ހެލްތު ސެންޓަރާއި އެރަށު ކައުންސިލު ގުޅިގެން އެރަށުގައި ހިލޭ އެމްބިއުލާންސްގެ ހިދުމަތް ތައާރަފުކޮށްފިއެވެ.

ރޭ މާފަރުގައި އޮތް ރަސްމިއްޔާތެއްގައި ހިލޭ އެމްބިއުލާންސް ހިދުމަތް ފެއްޓެވުމަށްފަހު އެރަށު ކައުންސިލުގެ ރައީސް މުހައްމަދު އަދުނާނު ވިދާޅުވީ އެ ރަށުގެ އާ ކައުންސިލު ހުވާކުރި ފަހުން ކައުންސިލުން ގެންދިޔައީ ސިއްހީ މަރުކަޒާ ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކަކީ ކޮބާތޯ ބަލަމުން ކަމަށެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި ދެ އިދާރާ ގުޅިގެން އެމްބިއުލާންސްގެ ހިދުމަތް ފެށުމަކީ ދެ އިދާރާއިން ކުރާ މަސައްކަތްތައް އިތުރު ހަރުފަތަކަށް ދިއުމެވެ.

މާފަރު ކައުންސިލުގެ ރައީސް ވިދާޅުވީ މާފަރުގައި އެމްބިއުލާންސްގެ ހިދުމަތަކީ ރައްޔިތުންގެ އަތުން ފައިސާ ނަގައެިގެން ކުރަން ރޭވިފައި އޮތް ކަމެއް ނަމަވެސް ކައުންސިލުން އެކަމުގައި ތަފާތު ގޮތަކަށް ވިސްނީ ކަމަށެވެ.

"ކައުންސިލުން މަޝްވަރާ ކުރީ އަޅުގަނޑުމެންގެ އިސްނެގުމުގެ މަތިން މިކަމަށް އިތުރު ގޮތްތަކެއް ހޯދައިދެން, ރަޔިތުންގެ އަތުން އެއްވެސް ފީއެއް ނުނަގާ ކުރެވޭނެ އިންތިޒާމު ހަމަޖައްސަން," ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

މި ހިދުމަތް ފެށުމަށްޓަކައި މާފަރު ހެލްތު ސެންޓަރުގެ މުވައްޒަފުންނާއި އެމްބިއުލާންސް ޑްރައިވަރުން ތިބީ ތައްޔާރުވެ ކަމަށްވެސް އޭނާ ވިފދާޅުވިއެވެ.

"މި ރަށުގައި އެމްބިއުލާންސްގެ ހިދުމަތް ދެން ދެމުން ދާނީ ރައްޔިތުންގެ [އަތުން] އެއްވެސް އެއްޗެއް ނުނަގާ, ހިލޭ ހިދުމަތެއްގެ ގޮތުގައި," އޭނާ ވިދާޅުވިއެވެ.

އޭނާގެ ވާހަކައިގައި މާފަރު ސިއްހީ މަރުކަޒުގައި މިހާރުން މިހާތަށް ކުރަންޖެހޭ މަރާމާތުތަކެއް އެބަހުރިކަމަށާއި އެކަންކަން ނުކޮށްފިނަމަ ހިދުމަތަށް ބުރޫއަރާފާނެ ފަދަ ކަންކަންވެސް އެބަހުރި ކަމަށް ވިދާޅުވިއެވެ. އަދި ކައުންސިލުން ގެންދަނީ ސަރުކާރާވެސް މަޝްވަރާކޮށްގެން ވީހާވެސް އަވަހަކަށް އެކަންކަން ކުރަން ކަމަށް އަދުނާން ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި މާފަރު ސިއްހީ މަރުކަޒުގެ ޒިންމާދާރު ވެރިޔާ މަރިޔަމް ރަޝީދާ ވިދާޅުވީ ހިލޭ އެމްބިއުލާންސްގެ ހިދުމަތް ލިބުމަކީ ރަށުގެ ހުރިހާ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ލުއިފަސޭހައެއް ކަމަށެވެ.

"ހިލޭ އެމްބިއުލާންސްގެ ހިދުމަތް މިއީ މި އަތޮޅުގެވެސް, އަދި ރާއްޖޭގެ އެހެން ރަށްރަށުގައިވެސް ރައްޔިތުންނަށް ލިބިފައިވާ ހިދުމަތެއް ނޫން. މި ރަށުގެ ރައްޔިތުންނަކީ ވަރަށް ނަސީބުވެރި ބައެއް," އޭނާ ވިދާޅުވިއެވެ.

މާފަރުގައި ކައުންސިލާއި ހެލްތު ސެންޓަރު ގުޅިގެން ހިލޭ އެމްބިއުލާންސްގެ ހިދުމަތް ފަށާފައިވާ އިރު, ސަރުކާރުން ވަނީ މުޅި ރާއްޖޭގައި އެމްބިއުލާންސްގެ ހިދުމަތް ދިނުމަށްޓަކައި އެމަޖެންސީ މެޑިކަލް ސާވިސް (އީއެމްއެސް)ގެ ނަމުގައި ހިދުމަތެއް ތައާރަފުކުރަން ނިންމާފައެވެ.