16 Feb 2012, 17:10
އެއްވެސް ބަޔަކަށް ރާއްޖޭގެ އެއްވެސް ތަނެއްގައި ހަމަނުޖެހުން ހިންގަން ރައްޔިތުން ފުރުސަތުނުދިނުމަށް ޕީޕީއެމުން މިއަދު ގޮވާލައިފި އެވެ.
ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ވިދާޅުވީ އެމްޑީޕީން "އިންސާފުގެ ދަތުރު"ގެ ނަމުގައި މާދާމާ ބާއްވާ އެއްވުމުގައި ހަމަނުޖެހުން އުފައްދަން މަސައްކަތްކުރާ ކަމުގެ މައުލޫމާތު ލިބިފައިވާކަށާއި ހަމަނުޖެހުން ހިންގުމުގެ ހަރަކާތްތަކުގައި އެއްވެސް ފަރާތަކުން ބައިވެރިވެ ވަޑައިނުގަތުމަކީ ޕީޕީއެމްގެ އެދުމެއް ކަމަށެވެ.
"މާދަމާއާއި ދިމާކޮށް އެމްޑީޕީން މިދަނީ ވަރަށްބޮޑު ހަމަނުޖެހުމެއް ހިންގުމުގެ ކަންތަކެއް މާލެތޭރޭގައި ހިންގަން ތައްޔާރުވަމުން. ރާއްޖޭގެ ބައެއް ރަށްރަށުން މީހުން ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަހަލަ އަޑުތަކެއްމިވަނީ އަރާފައި. މިރަށްރަށުން އަންނަނީ ކުށްވެރިންގެ ގޮތުގައި ތިބި އިސްބަޔަކު ގެންނަކަހަލަ މައުލޫމާތުތަކެއްވެސް ވަނީ ލިބިފައި،" މަހުލޫފު ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ އެމްޑީޕީން މިމަހުގެ އަށްވަނަ ދުވަހު މާލެ އާ އަތޮޅުތަކުގައި ބޭއްވި މުޒާހަރާ ހަމަނުޖެހުމަކަށް ބަދަލުވެ އިމާރާތްތަކުގައި ހުޅުޖަހައި އެކި ތަންތަނަށް ބޮޑެތިގެއްލުންތަކެއް ދީފައިވާ ކަމަށާއި ގައުމަށް ލިބިފައިވާ އެތައް ކުރިއެރުންތްކެއް ފަހަތަށް ޖައްސާލައިފި ކަމަށެވެ.
"މާދަމާ އެމްޑީޕީން މުޒަހަރާކުރިޔަސް ހަމަނުޖެހުމަކަށް މަގުފަހިވާފަދަ ކަންކަން ކުރުމަށް އެއްވެސް މީހަކު ފުރުސަތުދީގެން ނުވާނެ،" މަހުލޫފް ވިދާޅުވި އެވެ.