މެއި މަހުގެ ހަވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ކުރިޔަށްދާ ތަހުގީގު ގާތުން ބެއްލެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވި ހާއްސަ މަންދޫބު ރާއްޖެ ވަޑައިގެންފިއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ގާތުން ބެލުމަށް ރައީސް ސޯލިހުގެ ފަރާތްޕުޅުން މަންދޫބެއްގެ ގޮތުން އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ އައްބާސް ފާއިޒް އައްޔަން ކުރައްވާފައިވަނީ މިދިޔަ މެއި މަހުގެ 19 ވަނަ ދުވަހުއެވެ.

ރައީސް އޮފީހުން ބުނީ ހާއްސަ މަންދޫބު، އައްބާސް ފާއިޒް އިއްޔެގެ ހެނދުނުގެ ވަގުތެއްގައި މާލެ ވަޑައިގެންފައިވާ ކަމަށެވެ. އޭނާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ވިދާޅުވީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރެވެ.

ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބުގެ ހައިސިއްޔަތުން, މޭ 6ގައި ރައީސް ނަޝީދަށް މާލޭގައި ދިން ހަމަލާއާ ގުޅޭ އެންމެހާ ތަހުގީގެއްގައި ޕްރޮސެކިއުޓަރ ޖެނެރަލް ކަނޑައަޅުއްވާ ހުދޫދުގެ ތެރެއިން އައްބާސް ފާއިޒް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި، އިންސާފު ގާއިމުކުރެވެންދެން ބޭނުންވާ ހާލަތްތަކުގައި ކަމާގުޅޭ ލަފަޔާއި އިރުޝާދު ދެއްވައި، ތައްޔާރުކުރައްވަން ޖެހިވަޑައިގަންނަވާ އެންމެހާ ރިޕޯޓެއްވެސް ތައްޔާރުކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ބޮމުގެ ހަމަލާއާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ 241 ކޮމިޓީން ކުރިއަށް ގެންދާ އިންކުއަރީގައި މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހު ވަނީ އައްބާސް ފާއިޒްއާ ސުވާލުކޮށްފައެވެ.

މެއި މަހުގެ ހަވަނަ ދުވަހު ރައީސް ނަޝީދު ދިރިއުޅުއްވާ ގެއިން އެމަނިކުފާނު ނުކުމެ ވަޑައިގެން ކާރުކޮޅަށް އަރާ ވަޑައިގަންނަވަނިކޮށް އައިއީޑީއެއް ގޮއްވާލާ ދިން ހަމަލާއާ ގުޅިގެން އެމަނިކުފާނަށް ވަނީ ގިނަ އަނިޔާތަކެއް ވެފައެވެ.

އެ ހަމަލާއާ ގުޅިގެން މިހާތަނަށް ހައްޔަރުކުރި ފަސް މީހެއްގެ ވަނަވަރު ފުލުހުން ވަނީ ހާމަކޮށްފައެވެ. އެއީ މއ. ފޭރުގެ، މުޖާޒު އަހުމަދު، (21އ)، ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު (32އ) އާއި ވ. ތިނަދޫ، ހިޔާ, އަދުހަމް އަހުމަދު ރަޝީދު، (26އ) އަދި ލ. ގަން، ދުންފިނިއުފާ، އަހްމަދު ފާތިހު، (23އ) ގެ އިތުރުން، ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް (27އ) އެވެ.