03 Jul 2021, 10:24
ނިއުދިއްލީ (ޖުލައި 03): އިންޑިއާއިން އަންޑާ ލައިސަންސްގެ ދަށުން އުފައްދާ ކޮވިޝީލްޑް ވެކްސިން ޔޫރަޕުން ގަބޫލުކޮށް ޔޫރަޕްގެ އިއްތިޙާދުން ދޭ ވެކްސިން ޕާސްޕޯޓުގައި އެ ވެކްސިން ހިމަނަން އެންމެފަހުން ނިންމައިފިއެވެ.
އިންޑިޔާގެ ޚާރިޖީ ވުޒާރާ ބުނިގޮތުގައި ޔޫރަޕްގެ އިއްތިޙާދުގެ މި ނިންމުމާ ގުޅިގެން، އޮސްޓްރިއާ، ޖަރުމަނު، ސްލޮވޭނިއާ، ގްރީސް, އައިސްލެންޑް، އަޔަލެންޑް، ސްޕެއިން އަދި ސްވިސްޓްޒަލޭންޑް އިންވަނީ ކޮމިޝީލްޑް ވެކްސިން ޖަހާފައިވާ މީހުންނަކީ ކޮވިޑް ވެކްސިން ޖެހި މީހުންގެ ގޮތުގައި ބަލައިގަންނާނެކަން އިއްޔެ އިންޑިއާއަށް އަންގާފައެވެ.
ކޮވިޝީލްޑް ވެކްސިން އަކީ އިނގިލރޭސިވިލާތާއި ސްވިޑްން ގުޅިގެން އީޖާދުކޮށްފައިވާ އެސްޓްރާޒެނެކާ ވެކްސިން އަންޑާ ލައިސަންސްގެ ދަށުން އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފެއްދުމަށްފަހު އެ ވެކްސިން އަށް ދީފައިވާ ނަމެކެވެ. ކޮވިޝީލްޑް ވެކްސިން ގަބޫލުކުރުމަށް ޔޫރަޕްގެ އިއްތިޙާދުން ދެކޮޅުހެދީ އެވެކްސިން އިނގިރޭސިވިލާގައި އީޖާދު ކުރިނަމަވެސް އެވެކްސިން އިންޑިއާގައި އުފައްދަމުން ގެންދަނީ ޔޫރަޕްގެ ސްޑޭންޑަޑްތަކަށްވުރެ މާ ދަށުފެންވަރެއްގައި ކަމަށް ވާތީއެވެ.
އިނގިރޭސިވިލާތަކީ ޔޫރަޕްގެ އިއްތިޙާދަށް ނިސްބަތްވާ ގައުމަކަށް ނުވާތީ އިނގިރޭސިވިލާތުގެ އީޖާދުތަށްވެސް ޔޫރަޕުން ބަލައިގަންނަނީ ޔޫރަޕްގެ ސްޓޭންޑަޑްތަކަށް ފެތޭތޯ ބެލުމަށްފަހުގައެވެ. ވެކްސިންގެ އިތުރުން އިންޑިއާގައި އުފައްދާ ގިނަ ބޭސްތަކަކީވެސް ޔޫރަޕްގެ ސްޑޭންޑަޑްތަކަށްވުރެ ދަށުފެންވަރެއްގައި އުފައްދާ ބޭސްތަކެއް ކަމަށްވާތީ އެބޭސްތައް ޔޫރަޕަށް އެކްސްޕޯޓެއް ނުކުރެވެއެވެ. ނަމަވެސް އިންޑިއާއިން އުފައްދާ ކޮލިޓީ ރަނގަޅު ބައެއް މަދު ބޭސްތައް ޔޫރަޕްގެ ސްޓޭންޑަޑްތަކަށް ފެތޭގޮތަށް އުފައްދާތީ އެބޭސްތައް ޔޫރަޕުން ބަލައިގަނެއެވެ.
ޔޫރަޕްގެ ވެކްސިން ޕާސްޕޯޓުގެ ދަށުން ޔޫރަޕްގެ ޤައުމުތަކުގެ މެދުގައި މައްސަލައެއްނެތި ދަތުރުކުރެވޭނީ ޔޫރަޕާއި އެމެރިކާއިން އުފައްދާފައިވާ ފަސް ވެކްސިންކަމަށްވާ މޮޑާނާ ވެކްސިން، ފައިޒާ ވެކްސިން، ބަޔޯއެންޓެކް ވެކްސިން، ޖޯންސަން އެންޑް ޖޮންސަން ވެކްސިން އަދި އެސްޓްރާޒެނެކާ ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުންނަށް އެކަންޏެވެ. އެމެރިކާއާއި އިނގިރޭސިވިލާތުގައި އުފައްދާ ވެކްސިންތައްވެސް ޔޫރަޕުން ބަލައިގެންފައިވަނީ އެދެގައުމަކީ ޔޫރަޕްގެ ސްޑޭންޑަޑްތަކަށް ވެކްސިންއާއި ބޭސް އުފައްދާ ދެ ގައުމު ކަމަށް ކުރިން ނިންމާފައިވާތީއެވެ.
ދަތުރުފަތުރަށް ޚާއްސަކޮށްގެން ޔޫރަޕުން ގެންގުޅޭ ވެކްސިން ޕާސްޕޯޓް ފުރޮގްރާމުގައި ހިމެނޭ ވެކްސިންތަކުގެ ލިސްޓުގައި ކޮވިޝީލްޑް ވެކްސިން ހިމަނާފައި ނެތުމުން އިންޑިއާއާއި ޔޫރަޕްގެ ގައުމުތަކުގެ މެދުގައިވަނީ ކޯޅުންތަކެއް އުފެދި ބަހުގެ ޙަމަލާތަކެއް ކޮންމެވެސް ވަރަކަށް ބަދަލުކޮށްފައެވެ. މިގޮތުން އިންޑިއާއިންވަނީ ޔޫރަޕްގެ ވެކްސިން ޕާސްޕޯޓުގެ ދަށުން އިންޑިޔާއަށް ދަތުރުކުރާ މީހުން އެއީ ވެކްސިން ޖެހި މީހުންކަމަށް ބަލައި ނުގަންނާނެ ކަމުގެ އިންޒާރު ޔޫރަޕަށް ދީފައެވެ. އަދި ޔޫރަޕްގެ ވެކްސިން ޕާސްޕޯޓަށް އިއުތިރާފް ނުވާނެކަމުގެ އިންޒާރުވެސް އިންޑިޔާއިން ދީފައިވާކަމަށް މައުލޫމާތު ލިބެއެވެ.
ޔޫރަޕްގެ އެތައް ސަތޭކަ ކުންފުންޏެއް އިންޑިއާގައި މަސައްކަތްކުރާއިރު އެކުންފުނިތަކުގެ މީހުންނަށް އިންޑިއާއަށް ނުދެވިއްޖެނަމަ ވިޔަފާރީގެ ގޮތުން ބޮޑު ގެއްލުމެއް ޔޫރަޕަށް ކުރިމަތި ވާނެކަން ޔޫރަޕަށް ކަށަވަރުވުމަކީ ކޮވިޝީލްޑް ވެކްސިން ބަލައިގަތުމަށް ޔޫރަޕަށް މަޖްބޫރުވި މައިގަނޑު ސަބަބު ކަމަށްވަނީ ބެލެވިފައެވެ. ކޮވިޝީލްޑް ބަލައި ނުގެންފިނަމަ ޔޫރަޕްގެ އިއްތިޙާދުގެ ޑިޖިޓަލް ސެޓުފިކެޓްގައި އިންޑިއާއަށް ދަތުރުކުރާ ފަރާތްތަށް އިންޑިއާގައި ކަރަންޓީނުވާން ޖެހިދާނެ ކަމުގެ އިންޒާރުވެސް އިންޑިއާއިން ދިންކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.