ރާއްޖޭގައި ކޮވިޑް-19 ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންގެ އަދަދު ދެ ލައްކައާއި ގާތްކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް ޖުމްލަ 191،441 މީހަކު ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައެވެ. އަދި 317،214 މީހުން ވަނީ ފުރަތަމަ ޑޯޒް ޖަހާފައެވެ.

ރާއްޖޭގައި މިހާރު އާންމުކޮށް ޖަހަނީ ހަމައެކަނި ޗައިނާގެ ސިނޮފާމް ވެކްސިންއެވެ. އަދި ހާއްސަ ބައެއް ހާލަތްތަކުގައި ފައިޒާ ވެކްސިން ދަނީ ޖަހަމުންނެވެ.

ފުރަތަމަ ޖަހަން ފެށި ކޮވިޝީލްޑްގެ ވެކްސިން ރާއްޖެއިން ހުސްވެފައިވާއިރު އެ ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ޖެހިފައި ތިބި ގިނަ ބަޔަކު އެބަ ތިއްބެވެ.

ކޮވިޝީލްޑް ވެކްސިން ލިބުމުގައި ދަތިތަކެއް ހުރުމުން އެ ވެކްސިން ޖެހި މީހުންނަށް އެސްޓްރާޒެނެކާ ވެކްސިން ދިނުމަށް އެޗްޕީއޭ އިން ވަނީ ނިންމާފަ އެވެ.

ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވީ މި މަހުގެ ފަހުކޮޅު އެސްޓްރާޒެނެކާ ވެކްސިންގެ ޝިޕްމަންޓެއް ލިބޭނެ ކަމަށެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މިއަދު އެކަނިވެސް ޖުމްލަ 712 މީހުން ވަނީ ދެވަނަ ޑޯޒް ޖަހާފައެވެ. އަދި 202 މީހަކު ވަނީ ފުރަތަމަ ޑޯޒް ޖަހާފައެވެ.

މީގެ ތެރެއިން ދެވަނަ ޑޯޒް ޖެހި 193 މީހުންނަކީ މާލެ ސަރަހައްދުން ވެކްސިން ޖެހި މީހުންނެވެ. އަދި 519 މީހުންނަކީ އަތޮޅުތެރޭ އެހެން ރަށްތަކުން ވެކްސިން ޖެހި މީހުންނެވެ.

މިއަދު ފުރަތަމަ ޑޯޒް ޖެހި 202 މީހުންގެ ތެރެއިން 75 މީހުން ވެކްސިން ޖަހާފައިވަނީ މާލެ ސަރަހައްދުންކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އަދި 127 މީހަކު ވަނީ އަތޮޅުތެރޭ ރަށްރަށުން ވެކްސިންގެ ފުރަތަމަ ޑޯޒް މިއަދު ޖަހާފައެވެ.