02 Jul 2021, 22:14
ރާއްޖެއިން މިއަދު އަލަށް 143 މީހަކު ކޮވިޑް-19 ޕޮޒިޓިވްވިއިރު މިއަދުވެސް ގިނަ ކޭސްތައް ފެނުނީ އަތޮޅުތެރޭ ރަށްރަށުންކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން ބުނިގޮތުގައި މިއަދު ޕޮޒިޓިވްވި 143 މީހުންގެ ތެރެއިން މާލެ ސަރަހައްދުން ފެނިފައިވަނީ 26 ކޭސް އެވެ. އަތޮޅުތެރޭ އެހެން ރަށްތަކުން 104 ކޭސް ވަނީ ފެނިފައެވެ. ރިސޯޓުތަކުން އަށް ކޭސް ފެނިފައިވާއިރު ތަރައްގީކުރަމުން އަންނަ ރަށްރަށުން ފަސް ކޭސް ވަނީ މިއަދުވެސް ފެނިފައެވެ.
މިއާއެކު ރާއްޖޭގައި މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި ހުރީ 3،359 ކޭސް އެވެ. ރާއްޖެއިން ޖުމްލަ ފެނުނު ކޭސްތަކުގެ އަދަދު ހުރީ 74،074 ގަ އެވެ. ބަލި ޖެހިގެން މިވަގުތު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނީ 23 މީހަކަށެވެ.
އެޗްޕީއޭއިން ބުނިގޮތުގައި މިއަދު ޕޮޒިޓިވްވި ކޭސްތަކަކީ 4،355 ސާމްޕަލްއިން ޕޮޒިޓިވްި ކޭސްތަކެވެ. މީގެ ތެރެއިން މާލެ ސަރަހައްދުން ނަގާފައިވަނީ ކިތައް ސާމްޕަލްކަމެއް އެޗްޕީއޭއިން ހާމައެއް ނުކުރެއެވެ.
އެޗްޕީއޭއިން ބުނިގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރުތެރޭ 165 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އެއާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު މިވަނީ 70،325 އަށް އަރައިފައެވެ.
ބަލީގައި މިހާތަނަށް 213 މީހަކު ނިޔާވެފައިވެއެވެ.
މިފަހުން މާލެ ސަރަހައްދުގައި ކޭސްތައް އިންތިހާއަށް އިތުރުވިނަމަވެސް މިހާރު، މާލެ ސަރަހައްދުގައި ކޮންމެވެސް ވަރަކަށް ބަލި ވަނީ ކޮންޓްރޯލްކުރެވިފައެވެ. އެހެންނަމަވެސް އަތޮޅު ތެރެއިން ފެންނަ ކޭސްތަކުގެ އަދަދު ހުރީ އަދިވެސް މަތީގައެވެ.