ރާއްޖޭގެ ފަސް ރަށެއްގެ ގޮނޑުދޮށް ހިމާޔާތްކުރުމަށްޓަކައި މަޝްރޫއަކަށް 25.1 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދިނުމަށް ގްރީން ކްލައިމެޓް ފަންޑުން ފާސްކޮށްފިއެވެ.

މޫސުމަށް އަންނަ ބަދަލުތަކާބެހޭ މަޝްރޫއުތަކަށް އެހީދޭ ބައިނަލްއަގުވާމީ ފަންޑެއް ކަމަށްވާ ގްރީން ކްލައިމެޓް ފަންޑުން މިގޮތަށް ފާސްކުރީ މިހާރު ކުރިއަށްދާ އެ ފަންޑުގެ 29 ވަނަ ބޯޑު ޖަލްސާއިންނެވެ. ހިލޭ އެހީ ދެނީ ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ) އާއެކު ރާއްޖޭގައި ހިންގާ މަޝްރޫއުއަށެވެ.

ގްރީން ކްލައިމެޓް ފަންޑުގެ އިތުރުން ޖައިކާގެ ފަރާތުންވެސް ވަނީ މި މަޝްރޫޢަށް ވަނީ 35.4 މިލިއަން ޑޮލަރުގެ ހިލޭއެހީ ދިނުމަށް ނިންމައިފައެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން 5.5 މިލިއަން ޑޮލަރުގެ ފައިސާއާއި ވަސީލަތްތައް ފޯރުކޮށްދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މިމަޝްރޫއުގެ ދަށުން ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ލ. އަތޮޅުގެ މާމެންދޫ، ފޮނަދޫ، ގަން އަދި އިސްދޫގެ އިތުރުން އައްޑޫ ސިޓީ މީދޫގެ ވަކި ސަރަހައްދުތަކެއްގައެވެ.

މި މަޝްރޫއަކީ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނާ އެއްގޮތަށް މޫސުމީ ކާރިސާތަކުން ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ ގޮނޑުދޮށްތައް ރައްކާތެރިކޮށް ހިމާޔަތްކުރުމަށް އަމާޒުކޮށްގެން ހިންގާ މަޝްރޫއެކެވެ.

އެގޮތުން ރަށްރަށުގެ މިފަދަ މަޝްރޫއުތައް ހިންގުމުގައި ގުދުރަތީ ވަސީލަތްތައް ހިމާޔަތްކޮށްގެން ކުރިއަށް ގެންދިއުމަށް އިންޓަގްރޭޓަޑް ކޯސްޓަލް ޒޯން މެނޭޖްމަންޓް ނިޒާމު ހަރުދަނާކުރުމަށްޓަކައި ރަށްރަށުގެ ގޮނޑުދޮށާއި ފަރުތަކުގެ ހާލަތު މިހާރު ހުރިގޮތުގެ އިންވެންޓްރީ ސްޓަޑީއަކާއި، ރިސްކް އެސެސްމަންޓެއް ތައްޔާރުކޮށް އެ ނިޒާމުގެ ޕްލޭންތައް ތައްޔާރުކުރުމަށް މިހާރު ވަނީ ރޭވިފައެވެ.

މީގެ އިތުރުންވެސް ގުދުރަތީ ކާރިސާތަކުގެ އިންޒާރާއި މައުލޫމާތު ފޯރުކޮށްދޭ ނިޒާމްތައް ހަރުދަނާކުރުމަށް މިފަދަ ނިޒާމެއް ގާއިމުކުރުމާއި، ކަނޑުގެ ލޮނުގަނޑު އުފުލޭ މިންވަރު ދިރާސާކުރުމަށް ބޭނުންވާ އާލާތްތަކާއި އެ މަޢުލޫމާތު ދިރާސާކުރުން ހަރުދަނާކުރުމަށްވެސް މި މަޝްރޫއުގެ ދަށުން ވަނީ ހަމަޖެހިފައެވެ.