މޭ ހަވަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އިތުރު ފަރުވާ ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިނގިރޭސިވިލާތަށް ފުރާވަޑައިގަންނަވާނެކަމަށް އެމަނިކުފާނުގެ އޮފީހުން ބުނެފިއެވެ.

އެ ހަމަލާއާ ގުޅިގެން ލިބުނު ސީރިއަސް ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯއްދެވުމަށްފަހު ރައީސް ނަޝީދު އިތުރު ފަރުވާ ހޯއްދެވުމަށް ޖަރުމަންވިލާތަށް ފުރާވަޑައިގަތީ މޭ 13 ވަނަ ދުވަހުގެ ރެ އެވެ.

އެމަނިކުފާނުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ޖަރުމަންވިލާތުގެ ޑޮކްޓަރުން ރިފާކުރައްވައިގެން އިތުރު ފަރުވާ ހޯއްދެވުމަށް ރައީސް ނަޝީދު އިނގިރޭސިވިލާތަށް ވަޑައިގަންވާނެކަމަށެވެ.

އެ ބަޔާނުގައި ވަނީ ޖަރުމަންވިލާތުގައި ރައީސް ނަޝީދަށް ފަރުވާދިން ހޮސްޕިޓަލްކަމުގައިވާ ބާލިން ބުންޑެސްވެއާ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި އެހީތެރިންނަށް އެބޭފުޅުންގެ މަސައްކަތަށްޓަކައި ރައީސް ނަޝީދުގެ ފަރާތުން ޝުކުރު އަދާކޮށްފައެވެ.

މީގެ އިތުރުންވެސް ޖަރުމަންވިލާތުގައި ހުންނަ ދިވެހި ކޮންސަލްއާއި އެމްބެސެޑަރާއި އެމްބަަސީގެ މުއައްޒަފުންގެ އިތުރުން އިނގިރޭސިވިލާތުގައި ހުންނަވާ އެމްބެސެޑަރަށާއި މުއައްޒަފުންނަށްވެސް ނަޝީދުގެ އޮފީހުން ވަނީ ޝުކުރު އަދާކޮށްފަ އެވެ. އަދި އެ މަނިކުފާނަށް ހެޔޮ ދުއާ ކުރައްވާ އެންމެހާ ފަރާތްތަކަށްވެސް ވަނީ ޝުކުރު އަދާކޮށްފައެވެ.

މޭ ހަވަނަ ދުވަހުގެ ރޭ ރައީސް ނަޝީދުގެ ގެކޮޅު ކައިރީގައި އައިއީޑީއެއް ގޮއްވާލައިގެން ދިން ޓެރަރިސްޓް ހަމަލާގައި ރައީސް ނަޝީދަށް ވަނީ ބޮޑެތި ޒަހަމްތަކެއް ލިބިވަޑައިގެންފައެވެ. އެގޮތުން އަދިވެސް ބައެއް ގުނަވަންތައް މަސައްކަތްކުރުމުގައި ދަތިތަކެއް އެބަ ހުރި ކަމަށް އެމަނިކުފާނާއި ގާތް ބައެއް ބޭފުޅުން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.