ސަރުކާރާއި ވެރިކަންކުރާ އެމްޑީޕީގެ ވާދަވެރިން އިންޑިއާއާ ގުޅޭ ގޮތުން ފިތުނަވެރި އަދި ބޭއަދަބީ ވާހަކަ ދައްކަމުންދާކަމަށާއި އެކަން ހުއްޓަން އެބަ ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިގޮތަށް ވިދާޅުވީ މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައެވެ. ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން އެ ކޮމިޝަނުގެ އިސް ފަރާތްތަކުގެ ކަރާމާތަށް އުނިކަން އަންނަ ފަދަ ގޮތަކަށް ބައެއް މީޑިއާތަކުން އަމަލުކުރާކަމުގެ މައްސަލަ ބަލައިދީ ފިޔަވަޅު އެޅުމަށް އެދި މިދިޔަ ހަފްތާ ތެރޭ ފޮރިން މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފަ ވަނިކޮށެވެ.

މިއަދު ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވަނީ ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ބޭރު ގައުމުތަކުގެ ޑިޕްލޮމެޓުންނާ މެދު ބަސްމަގު ހުންނަންޖެހޭނީ ވަކި ހަމައެއްގެ ތެރޭގައި ކަމަށެވެ. އަދި ވާދަވެރި ފަރާތްތަކުން އިންޑިއާއާ ދެކޮޅަށް ދައްކަވާ ފިތުނަވެރި ވާހަކަތައް ދެއްކުން ހުއްޓާލުމަށް އެމަނިކުފާނު ގޮވާލެއްވި އެވެ.

"ސަރުކާރާއި އެމްޑީޕީގެ ވާދަވެރިން އިންޑިއާ އާ ގުޅޭ ގޮތުން ދައްކަވާ ފިތުނަވެރި އަދި ބޭދަބީ ވާހަކަތައް ހުއްޓަން ޖެހޭ،" ރައީސް ނަޝިދު ޓްވިޓާގައި ވިދާޅުވިއެވެ.

އޮންލައިން ނޫހަކާ މެދު ފިޔަވަޅު އެޅުމަށް އިންޑިއާ ހައިކޮމިޝަނުން ފޮރިން މިނިސްޓްރީގައި އެދުމުން ގިނަ ބަޔަކު އަންނަނީ އެކަމާ ކަންބޮޑުވުންފާޅުކުރަމުންނެވެ.