01 Jul 2021, 22:14
މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވީ 133 މީހުންނެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކުވައިދޭގޮތުގައި މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 43 މީހުންނަކީ މާލެއިން ޕޮޒިޓިވްވި މީހުންނެވެ. އަތޮޅުތެރޭ އެހެން ރަށްތަކުން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 72 އެވެ. މީގެ އިތުރުންވެސް ތަރައްގީކުރަމުންދާ ރަށްރަށުން ވަނީ ފަސް ކޭސް ފެނިފައެވެ.
މިއަދު ޕޮޒިޓިވްވި ކޭސްތަކާއެކު ރާއްޖޭގައި މިވަގުތު ހުރި ޖުމްލަ އެކްޓިވް ކޭސްތަކުގެ އަދަދަކީ 3،381 އެވެ. މިހާތަނަށް ރާއްޖެއިން ޖުމްލަ 73،931 ކޭސް ވަނީ ފެނިފައެވެ.
މިއަދު 351 މީހަކު ބަލިން ރަނގަޅުވިކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކުވައިދޭއިރު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު މިވަނީ 70،325 އަށް އަރައިފައެވެ.
މިއަދު ޕޮޒިޓިވްވި ކޭސްތަކަކީ 5،221 ސާމްޕަލްއިން ޕޮޒިޓިވްވި ކޭސްތަކެވެ. ހޮސްޕިޓަލުގައި މިވަގުތު ފަރުވާދެމުން ދަނީ 24 މީހަކަށެވެ.
ކޮވިޑުގައި މިހާތަނަށް 213 މީހަކު ރާއްޖެއިން ވަނީ ނިޔާވެފައެވެ.